ދުނިޔޭގެ ހެއްލުންތަަކަށް ހެއްލިދަނީ ދުނިޔޭގެ ހިތްފަސޭހަކަމާއި ތަނަވަސްކަމުގައި އުޅުމަށް..
ދުނިޔޭގެ ހެއްލުންތަަކަށް ހެއްލިދަނީ ދުނިޔޭގެ ހިތްފަސޭހަކަމާއި ތަނަވަސްކަމުގައި އުޅުމަށްކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ މީހެއްގެ ދިރިއުޅުން ބާއްޖަވެރި ދިރިއުޅުމަކަށްވާނީ ﷲއަށް ތަޤްވާވެރުވެގެން ކަމަށެވެ. އަދި އޭނާގެ ހުރިހާކަމެއްގައި މާތްﷲއަށް ކިޔަމަންތެރިވެގެން ކަމަށެވެ.
މާތްﷲގެ ވަޙީ ބަސްފުޅުތަކުން ދަލީލު ދައްކަމުން ޚުޠުބާގައި ބުނީ ”މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ސާލިޙު ޢަމަލެއް ކޮށްފިމީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް ތިމަންރަސްކަލާންގެ ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން އެއުރެން ޢަމަލުކޮށް އެންމެ ހެޔޮގޮތުގެ ދަރުމައިން އެއުރެންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާ ހުށީމެވެ.“ ކަމަށެވެ.
ޚުޠުބާގައި އިތުރަށް ބުނީ ދުނިޔޭގެ ދިރިއުޅުން ތަނަވަސްވާނީވެސް މާތްﷲއަށް ތަޤްވާވެރިވެގެން ކަމަށާއި އެކަލާންގެއަަށް އަދާކުރަންޖެހޭ އަޅުކަންތަކަށް ފަރުވާތެރިވެ، ސަމާލުވެގެން ކަމަށެވެ. އަދި އެކަލާނގެ މަގުން މޫނު އަނބުރާލައިފި މީހަކުގެ ދިރިއުޅުން މާތްﷲ ދަތިކުރައްވާނެ ކަމަށެވެ.
”ކަންމިހެން ހުރި އިރު، ދުންޔަވީ އެދުންތަކުގައި މަސްޣޫލުވެ، އުޚްރަވީ ޙަޔާތް ހަނދާން ނައްތާ ނުލަމާހެއްޔެވެ. ތިމާއަށް ލިބިފައިވާ މުދަލާއި ދަރީންނަކީ މާތްﷲގެ މަގުން ތިބާ އެއްކިބާކުރާ އެއްޗެއްކަމުގައި ނުހަދަމާ ހެއްޔެވެ. އޭރުން މާތްﷲ އަޅަމެންގެ މައްޗަށް އެކަލާންގެ ބަރަކާތުގެ ދޮރުތައް ހުޅުވާދެއްވާނެއެވެ.“ ހުކުރު ޚުޠުބާގައި ބުންޏެވެ.