’ވަޓް ޔޫ ޑޫ ފޯ ސްމޯލް އައިލަންޑްސް، ޔޫ ޑޫ ފޯ ދަ ވަރލްޑް ފޮތް ނެރެފި
ވަޓް ޔޫ ޑޫ ފޯ ސްމޯލް އައިލަންޑްސް، ޔޫ ޑޫ ފޯ ދަ ވަރލްޑް 2015- 2018′ ފޮތް ނެރެފިއެވެ.
ކުުދި ޖަޒީރާ ޤައުމުތަކަށް އަންނަ މޫސުމާއި ބެހޭ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ މިފޮތް ނެރެދެއްވީ ތިމާވެއްްޓާއި ހަކަތައާބެހޭ ވަޒީރު ތާރިޤް އިބްރާހިމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ދުނިޔޭގެ އެވްރެޖް ހޫނުމިން 1.5 ޑިގްރީއަށް ވުރެ ބޮޑުތަން މަތިވިޔަ ނުދީ ހިފެހެއްޓުމުގެ މުހިއްމުކަމާބެހޭ ގޮތުން އިންޓަރގަވަރންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި. ޕީ. ސީ. ސީ.) ގެ ފަރާތުން އޮކްޓޯބަރމަހު ނެރެފައިވާ ރިޕޯޓަކީ ރާއްޖޭގެ ރިޔާސަތުގެ ދަށުން އެއޯސިސްއިން ބާރު އަޅައިގެން ތައްޔާރުކުރުމަށް ނިންމި ރިޕޯޓެއް ކަމަށެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ބައިނަލްއަޤުވާމީ ގޮތުން އަވަސް ފިޔަވަޅު އަޅަންޖެހޭކަން ދުނިޔޭގެ ސަމާލުކަމަށް ގެނުވި މުހިއްމު ރިޕޯޓެއްކަމަށްވާތީ ކުދި ޖަޒީރާ ޤައުމުތަކަށް މި ރިޕޯޓުގެ މުހިއްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އ.ދ. ގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ލަނޑުދަނޑިތައް އެކުލަވާލުމުގެ މަޝްވަރާތަކުގައިވެސް އެއޯސިސްގެ ފަރާތުން ވަކާލާތުކޮށްފައިވަނީ ރާއްޖޭގެ ރިޔާސަތުގެ ދަށުންނެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އެއޯސިސްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާފައިވާ ގޮތް އެއޯސިސްގެ މެންބަރު ޤައުމުތަކުން ބަލައިގެންފައިވާކަމަށާއި މިގޮތުން ރާއްޖެއަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓުމަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރައްވާނެކަމަށެވެ.
ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ހިންގި އެއޯސިސް ފެލޯޝިޕް ޕްރޮގްރާމުގައި 4 ދިވެހިން ނިއުޔޯކްގައި ތަމްރީންކުރެވި، ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން މުޅި ޖުމްލަ 16 މީހުން ވަނީ މި މުއްދަތުގައި ޕްރޮގްރާމު ފުރިހަމަކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ރިޔާސަތުގެ ދަށުން އެލިއަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސްގެ) ފަރާތުން ބޮޑެތި ކާމިޔާބީތައް ވަނީ ހާސިލުކޮށްފައެވެ. އެގޮތުން ކާމިޔާބު ކަމާއެކު ޕެރިސް އެގްރީމެންޓް އެކުލަވާލައި، ޕެރިސް އެގްރީމެންޓް ފާސްކުރެވިގެން ދިޔައީ އެއޯސިސްގެ ފަރާތުން ބާރުއެޅި މުހިއްމު ކަންތައްތަކެއް ހިމަނައިގެންނެވެ.
މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނބުރާ އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބޭނެކަމަށް ބައިނަލްއަޤުވާމީ މުޖްތަމަޢިން ބަލައިގަނެ ’ލޮސް އެންޑް ޑެމޭޖް‘ އާ ބެހޭ ބާބެއް އެއްބަސްވުމުގައި ހިމެނުމާއި، ދުނިޔޭގެ އެވްރެޖް ހޫނުމިން 1.5 ޑިގްރީއަށް ވުރެ ބޮޑުތަން މަތިވިޔަ ނުދީ ހިފެހެއްޓުމުގެ ލަނޑުދަނޑިއާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ފިޔަވަޅު އެޅުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ ފައިސާގެ އެހީދޭ މިންވަރު މިހާރަށް ވުރެ އިތުރުކުރަމުން ގެންދިއުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން އެއްބަސްވުން ހިމެނެއެވެ.