ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ސެންސަރީ ރޫމެއް ޤާއިމުކޮށްފި
ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ސެންސަރީ ރޫމެއް ޤާއިމުކޮށްފިއެވެ.
މި ސެންސަރީ ރޫމް ރަސްމީކޮށް ހުޅުވައިދެއްވީ ފިޔަވަތީގައި ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ މުނީރު އ. ސަފީލްދީނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ސެންސަރީ ރޫމް ޚާއްޞަކުރެވިފައިވަނީ ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންގެ އިތުރުން ހެދިބޮޑުވުމުގެ މަރުޙަލާތަކުގައި ލަސްތަކެއް އުޅޭކަމަށް ފާހަގަކުރެވޭ ކުދިންނަށްކަމަށެވެ.
ސެންސަރީ ރޫމް އިން ހިންގޭ ހަރާކާތްތަކުގެ ސަބަބުން ކުދިންގެ ތަފާތު ހުނަރު ތައް ތަރައްޤީކޮށް، އިހުސާސްތައް ދެނެގަނެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްވެގެންދާނެކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.
މި ސެންސަރީ ރޫމްގައި ތެރެޕިއުޓިކް ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް، ހިއްސުތަކުގެ (ފެނުން/ އަޑުއެހުން) ހުނަރުތައް ތަރައްޤީކުރުމަށް ކުޅޭތަކެއްޗާއި ސެންސަރީ ޓެކްޓައިލް މެޓްތަކާއި ތަފާތު ކުލަތަކާއި އެކި ޓެކްސްޗަރގެ ތަކެތި ބޭނުންކުރުމުގެ އިތުރުން ތަފާތު ރާގު ނުވަތަ އަޑުތައް އިވޭނެގޮތަށް އެކި ވަސީލަތްތައް ގާއިމުކުރެވިފައިވެއެވެ.
މި ޚިދުމަތް ގާއިމުކުރެވިފައިވަނީ ޒަރލީނާ ސްޓޫޑިއޯގެ އެހީތެރިކަމާއެކުގައެވެ.
ފިޔަވަތީގައި ދިރިއުޅޭ ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ސެޕްޝަލް ނީޑްސް ކޮންސަލްޓަންޓެއް މަސައްކަތްކުރަމުން ގެންދެއެވެ. އަދި މި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގައި މި ސެންސަރީ ރޫމް ގާއިމުކުރުމާއެކު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ފިޔަވަތީގައި މި ވަގުތު 12 އަހަރުން ދަށުގެ 98 ކުދިން ދިރިއުޅެމުންދެއެވެ.