ކޮންމެ އަހަރު ތިން ދުވަސްވަރެއްގައި ޑެންގީ ފަދަ ބަލިތައް ރާއްޖޭގައި އިތުރުވޭ: އެޗްޕީއޭ
ކޮންމެ އަހަރު ތިން ދުވަސްވަރެއްގައި ޑެންގީ ފަދަ ބަލިތައް ރާއްޖޭގައި އިތުރުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިހެންބުނީ މަދިރިން ޖެހޭ ބަލިތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް މިއަދު ފެށި އެއްމަސްދުވަހުގެ ކެމްޕޭން ލޯންޗުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް ވިދާޅުވީ އަހަރުގެ ކުރީ ކޮޅަށް އަންނަ ޕީކް ނިމުމަށް ފަހު ދެން މި ބަލި އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ މެއި، ޖޫން އަދި ޖުލައި ހިސާބުގައި ކަމަށެވެ. އަދި މިފަދަ ކެމްޕޭނެއް ލޯންޗުކުުރުމުގެ އެންމެބޮޑު ބޭނުމަކީ އެ ދުވަސްވަރަށް ތައްޔާރުވުން ކަމަށެވެ.
މި ކެމްޕޭނުގައި މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކާއި މަދިރި ނައްތާލަން ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރާނެއެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނުގައި މި ބަލިތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި އެކި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭނުގައި ހުރިހާ އަތޮޅުތަކެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ކައުންސިލްތަކުންވެސް ބައިވެރިވާނެއެވެ.
ޢާންމުންނަށް ޚާއްޞަ ހައި ލެވަލް އެޑްވޮކަސީ ފޯރަމަކާއި ރިސޯޓުތަކަށް އަމާޒުކޮށްގެން އިންޓަރގްރޭޓެޑް ޕެސްޓް މެނޭޖްމެންޓް ކޮންފަރަންސާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާ ގުޅިގެން ބިދޭސީން މަސައްކަތްތެރިންނަށް ޚާއްޞަ ހަރަކާތްތަކެއްވެސް ހިންގުމަށް ވަނީ މި ކެމްޕޭނުގައި ހިމަނާފައެވެ.