ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 28 އާ ހަމައަށް ހުޅުވާލައިފި
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ވާގޮތުން 1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް މި މަހު (އެޕްރީލް 03) ވަނަ ދުވަހުން ފެށިގެން މިމަހުގެ (އެޕްރީލް 28 ) ވާ އާދީއްތަ ދުވަހުގެ 14:00 އަށް އެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، މާލެ އާއި އަތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ”ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު“ ފުރުމަށް ފަހު އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށަކުން ވެސް އެރަށެއްގެ ރަށު ކައުންސިލް / ސިޓީ ކައުންސިލަށް ހުށަހެޅޭނެ ކަމަށެވެ. އަދި މާލޭގައި ނަމަ، ފޯމު ހުށަހަޅާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަމަށާއި، ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މި މިނިސްޓްރީގެ ހޯލުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓަރީ ވެފައި ވެއެވެ. 2017 ވަނަ އަހަރު ރަޖިސްޓްރީކޮށްފައި ވަނީ 16،205 މީހެކެވެ.
ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރާ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންދައްކައެވެ.
http://gazette.gov.mv/iulaan/print/99591