ޗެމްޕިއަންސް ލީގް: ވަރުގަދަ ސިޓީ ބަލިކޮށް ޓޮޓެންހަމްއިން ސެމީގެ އުންމީދު އާކޮށްފި
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ 0-1 އިން މެންޗރެސްޓާ ސިޓީ ބަލިކޮށް މުބާރާތުގެ ސެމީފައިނަލާއި ގާތަށް ޓޮޓެންހަމް އިން ޖެހިލައިފިއެވެ.
ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ކުޅުނު މި މެޗް ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ސީޓީ އަށް ވަނީ މެޗްގައި ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ސްޓާލިން ފޮނުވާލި ބޯޅައެއް ވަނީ ޓޮޓެންހަމްގެ ޕެނެލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު ޑޭނީ ރޯޒްގެ އަތުގައި ޖެހިފައެވެ. ރެފްރީ ވަނީ ވީއޭއާރް ބަލާފައި އެއީ ޕެނެލްޓީ އެއް ކަމަށް ނިންމާފައެވެ. ނަމަވެސް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ އަގުއޭރޯ ފޮނުވާލި މި ޕެނެލްޓީ ހިފަހައްޓާފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރެއްގައި އޮވެއެވެ.
މެޗްގެ 58 ވަނަ މިނަޓުގައި ހެރީ ކޭން އަށް ލިބުނު އަނިޔާގެ ސަބަބުން މުޅި ޓީމް މާޔޫސްވިއެވެ. ކޭން ގެ ބަދަލުގައި ދަނޑަށް ކުޅެން އަރާފައިވަނީ ލޫކަސް މޯރާއެވެ. މެޗްގެ 78 ވަނަ މިނަޓްގައި ޓޮޓެންހަމް އަށް ލީޑު ނަގާދީފައިވަނީ ސައުތު ކޮރިއާގެ ސަންއެވެ. ސަންވަނީ މި ޗެމްޕިއަންސްލީގުގައި 2 ގޯލްޖަހައިދީފައެވެ. އަދި ޕްރިމިއާލީގުގައި 12 ގޯލް ޓޮޓެންހަމް އަށް ޖަހައިދީފައެވެ.
ޗެމްޕިއަންސް ލީގުގެ ސެމީފައިނަލާ ގާތަށް ޓޮޓެންހަމް އިން ޖެހިލާފައިވާއިރު ޗެމްޕިއަންސް ލީގުގެ ސެމީ އާ ހަމައަށް ޓޮޓެންހަމް އަށް އަދި މިހާތަނަށް ދަތުރުކުރެވިފައެއް ނުވެއެވެ.
ޓޮޓެންހަމް އާއި ސިޓީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާ ބުދަ ދުވަހުގެރޭ ސިޓީގެ ދަނޑުގައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިލުގެ އިތުރު މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ ޕޯޓޯ އާއި ލިވަޕޫލެވެ. މި މެޗު0-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ލިވަޕޫލެވެ.