އިސްލާމް ކަމުގެ މަތިވެރި ނިޢުމަތް ލިބިގަންނާށެވެ.
އިންސާނަކު ދުނިޔަށް އުފަންވެ އެދުނިޔޭގެ ޙަޔާތްހުސްކޮށް ދުނިޔެ ދޫކުރުމާހަމައަށް ހޭދަވާ މުއްދަތުގައި އޭނާއަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ހިދާޔަތު ލިބުމެވެ.
ޢާލަމްތައް އުފައްދަވާ ވުޖޫދު ކުރެއްވެވި އިލާހު ރުހިވޮޑިގެންވާ ދިރިއުޅުމުގެ މަންހަޖަކީ އެއީ އެވެ. އެކަލާންގެ ފޮތުގައި ވަހީކުރައްވަނީ ﴿إِنَّ الدِّينَ عِنْدَ اللَّهِ الإِسْلاَمُ وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلاَّ مِنْ بَعْدِ مَا جَاءَهُمْ الْعِلْمُ بَغْيًا بَيْنَهُمْ وَمَنْ يَكْفُرْ بِآيَاتِ اللَّهِ فَإِنَّ اللَّهَ سَرِيعُ الْحِسَابِ﴾ (آل عمران: 19). މާނައީ:- ”ހަމަކަށަވަރުން، اللَّه ގެ حضرة ގައި، دين އަކީ، إسلام دين އެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (حق ގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން خلاف ވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ حسد ވެރިކަމުގެ ގޮތުންނެވެ. اللَّه ގެ آية ތަކަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.“ މިއެވެ.
ދިވެހި ރާއްޖެ އުފެދިގެން އައީ ބުދު ދީނުގެ މައްޗަށްކަމަށް ތާރީޚު ހެކިވެއެވެ. އު ނުބައި ކުފުރުގެ ޢަޤީދާ ދޫކޮށް އިސްލާމް ކަމުގެ ހިދާޔަތަށް ހިދާޔަތް ލިބިގެން ދިޔަކަމީ ﷲގެ ރަޙްމަތާއި އެ އިލާހުގެ މަތިވެރި ވެގެންވީ ނިޢުމަތެވެ. އިސްލާމް ކަމުގެ ނިޢުމަތަކީ ﷲ އިންސާނުންނަށް ފުރިހަމަކޮށްދެއްވި ނިޢުމަތެކެވެ އަދި އެއީ އެއިލާހު ރުހިވޮޑިގަންނަވާ ދީނެވެ. އެކަމަށް އިޝާރާތްކުރައްވާ ކީރިތި ޤުރުއާނުގައި އަންގަވަނީ ﴿… الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الإِسْلاَمَ دِينًا …﴾(المائدة: 3). މާނައީ:- ”މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. “ މިއެވެ.
އިސްލާމް ދީނުގެ ހިދާޔަތަކީ މީސްތަކުންނަށް އޮތް ރަޙުމަތަކަށް ވީހިނދު އެއީ އެއްވެސް އިންސާނެއްގެ މައްޗަށް އިޖުބާރީ އެއްޗެއްނޫނެވެ. އެބަހީ އިސްލާމް ދީނަށް އުޅުމަށް އެއްވެސް މީހަކަށް މަޖުބޫރުކަމެއް ނެތެވެ. އެކަން ސާފުވެގެން އަންނަނީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުންނެވެ. ﴿لاَ إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنْ الغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدْ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لاَ انفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ﴾ (البقرة: 256). މާނައީ:- دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطان އާޔަށް كافر ވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
މަޖުބޫރު ކަމެއް ނެތުމުގެ މައްޗަށް ތަންބީހު ދިނުމާއެކުއެކީ ބަޔާން ކުރައްވަނީ ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެކަމަށެވެ. އެބަހީ ވިސްނާ ބުއްދި ކުރާބަޔަކަށް އަދިކަމާ އަލިކަމަކީ ކޮބައިކަން އިނގޭނެވެ. މިދެގޮތުންކުރެ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމަށް އިންސާނަށްއަށްވަނީ އިޚްތިޔާރު ދެއްވަވާފައެވެ. އެކަމުގެ ދަލީލުތަށް ކީރިތި ޤުރްއާނުގައި ވަރަށް ގިނައިން އައިސްފައިވެއެވެ. ﴿إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا﴾ (الإنسان: 3). މަނައީ:- “ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ شكر ވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، كافر ވުމަށްޓަކައެވެ.“ މިއެވެ.
އިޚްތިޔާރީ ގޮތްތައް މިއޮތީ އަޅުގަނޑާއި ތިބާގެ ކުރިމަތީގައެވެ. ބޭނުން މަގެއް ހިފާށެވެ. ކާމިޔާބު އޮތީ ބުއްދިވެރިންނަށެވެ.