ތިބާ، ބީރައްޓެއްހި ދަތުރުވެރިޔަކު ކަމުގައިވާށެވެ! (2)

ތިބާ، ބީރައްޓެއްހި ދަތުރުވެރިޔަކު ކަމުގައިވާށެވެ! (1)

ތިބާ ދުނިޔޭގައި އުޅެންވީ މާދަމާވެސް މިނޫން ތަނަކަށް ދާންޖެހިދާނެ މީހަކު ފަދައިންނެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ސާޙިބާ މުޙައްމަދު  ﷺވަނީ މި ޙިކްމަތްތެރި ފިލާވަޅު އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. عَنْ ابْن عُمَرَ رضي الله عنهما قَالَ: أَخَذَ رَسُولُ اللهِ ﷺ بِمَنْكِبِي، وَقَالَ: «كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ». މާނައީ:- ”އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ތިމަންކަލޭގެފާނު ކޮނޑުފުޅުގައި ހިއްޕަވައިފައި ޙަދީޘް ކުރެއްވިއެވެ. ”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

އިޝްތިހާރު full width ad 1200 x 150

وَكَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ. (رَوَاهُ الْبُخَارِيُّ.) އިބްނު ޢުމަރު رضي الله عنهما ވިދާޅުވާކަމުގައި ވެއެވެ. ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮކަމުގައިވާ  ޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“ (މި ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއެވެ.)

މި ޙަދީޘުގެ މަތަން «كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ». ”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“ ގެމަށްޗަށް ވާހަކަ ދެކެވިއްޖެއެވެ.

ދެން މިބަލާލަނީ ޢުމަރުގެ ފާނުގެ ދަރިކަލުން، ޢަބްދުއްﷲ އިބްނު ޢުމަރު، އާދެ، މި ޙަދީޘުގެ ރާވީ ވިދާޅުވާކަމުގައިވި މަޝްހޫރު ވާހަކަ އަށެވެ. كَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك. (رَوَاهُ الْبُخَارِيُّ.) މާނައީ:- ”އިބްނު ޢުމަރު رضي الله عنهما ވިދާޅުވާކަމުގައި ވެއެވެ. ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮ­ކަމުގައިވާ ޙާލު ބަލިވެދާނޭކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“

މިއީ ވަރަށްވެސް ބުއްދިވެރި ބަސްކޮޅެކެވެ. މި އުއްމަތުގެ އެންމެ ޞާލިޙު ބޭފުޅުން ދެއްވާފައިވާ އިރުޝާދެވެ. ނަޞީޙަތުގެ ގޮތުން މިޔައްވުރެވަކި ބުއްދިވެރި ވާހަކައެއް ނޯންނާނެއެވެ. ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮ­ކަމުގައިވާ ޙާލު ބަލިވެދާނޭކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“

މިބަސްފުޅުގައި ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ.“ އޮތް އިބާރާތުގެ މާނައަކީ ތިބާގެ މައްޗަށް ޙަވީރު ވެރިވެއްޖެނަމަ ހެނދުނު ވަންދެން ތިބާ ދުނިޔޭގައި ހުންނާނެކަމަށް އުއްމީދު ނުކުރާށެވެ! މިނަޞީޙަތުގައި ފުރަތަމަ ހަވީރު ގެނެސްފައިމިވަނީ ކީއްވެބާއެވެ؟ އެއީ އިންސާނާ ނިދުމަށްފަހު ހޭލާނީ ހެނދުނަށެވެ. ދެން އޭނާ ދުނިޔޭގައި ހުންނަވަގުތު އިރު ދައުރު ވަމުންދާނީ ހަވީރު ވުމާ ތިމާއަށެވެ. އެގޮތުގައި ހުއްޓާ ތިބާގެ މައްޗަށް ހަވީރު ވެއްޖެނަމަ، ނުވަތަ ތިބާއަށް ހަވީރުގެ ވަގުތާ ބައްދަލުވެއްޖެނަމަ، މާދަމާގެ ހެނދުނާ ބައްދަލުވާނެކަމަށް އުއްމީދު ނުކުރާށެވެ. މާދަމަ އަލުން ހެޔޮޢަމަލު ކުރުމަށް މަޑުނުކުރާށެވެ. މިއަދުގެ ހަވީރާއި އަނެއްދުވަހުގެ ހެނދުނާ ދެމެދުވެސް އެލިބޭ ވަގުތު ކޮޅުގެ ބޭނުން އެދެވޭ ގޮތުގައި ހިފާށެވެ.

ހަވީރަށްފަހު އޮންނާނީ ރޭގަނޑެވެ. ހެނދުނު ވަންދެން ދުނިޔޭގައި ހުންނާނެކަމަށް އިންތިޒާރުނުކޮށް، ރޭގަނޑުވެސް ހެޔޮޢަމަލުތަކުގައި މަޝްޣޫލުވުމަށް ހީވާގިވާށެވެ. ރޭގަނޑަކީ މީސްތަކުން ނިދާ ވަގުތެވެ. ހަމަހިމޭންކަން ދުނިޔެއަށް ވެރިވާ ވަގުތެވެ. މިވަގުތު، މީސްތަކުން ނިދާފައިތިއްބާ، ތެދުވެ ދަމުނަމާދު ކުރާށެވެ. އެކަން އެއީ ތިބާ ސުވަރުގެއަށް ގެންދާނެކަމެކެވެ. وَعَنْ عَبْدِاللَّهِ بنِ سَلاَم، أَنَّ النَّبِيَّ ﷺ قالَ: أَيُّهَا النَّاسُ أَفْشوا السَّلامَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا باللَّيْل وَالنَّاسُ نِيامٌ، تَدخُلُوا الجَنَّةَ بِسَلامٍ. (رواهُ الترمذيُّ وقالَ: حديثٌ حسنٌ صحيحٌ.) މާނައީ:- ”ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ސަލާމްގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. ”ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ! އަދި އެކަކު އަނެކަކަށް ކާންދޭށެވެ! އަދި މީސްތަކުން ރޭގަނޑު ނިދާފައިވަނިކޮށް ތެދުވެ (ދަމު) ނަމާދު ކުރާށެވެ! އޭރުން ސަލާމަތްތެރިކަމާއެކު ސުވަރުގެއަށް ވަދެވޭހުއްޓެވެ.“

ރޭގަނޑުގެ ދަމުނަމާދަށް އެނދުދާންތަކާ ބުރިކަށިތަށް ދުރުކުރާ މީހުންނަށް ހުރި މަތިވެރި ޘަވާބާއި ނިޢުމަތަކީ އެއްވެސް އެހެން ނަފްސަކަށް އިނގިގެންވާ ކަމެއްނޫނެވެ. އެކަން ބަޔާންކުރައްވާ ﷲވަޙީކުރައްވަނީ ﴿تَتَجَافَى جُنُوبُهُمْ عَنْ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ. فَلاَ تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ (السجدة:16-17). މާނައީ:- ”އެއުރެންގެ ވެރިރަސްކަލާނގެ حضرةއަށް ބިރުވެތިކަމާއި އުންމީދާއެކު دعاءކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمةތައް) އެއްވެސް نفسއަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“

”އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭކަމަށް އިންތިޒާރު ނުކުރާށެވެ.“ މީގައިވެސް މިވަނީ ދާދި އެއްމާނައެކެވެ. ކޮންމެ ހޭލެވުމެއް އެއީ އޭނާގެ އައުފެށުމެކެވެ. ހަވީރު ވަންދެން އިންތިޒާރުކުރާނީ އޭނާގެ އައުދުވަހެއްގެ ފެށުމުން ދުނިޔެއަށް މަރުހަބާ ކިޔުމަށް ފަހުއެވެ. އޭގެކުރިން އޭނަވަނީ ނިދާފައެވެ. ނިދުމުގެ ސަބަބުން ދުނިޔެއާ ގުޅުން ކެނޑިފައެވެ. އެހެނީ ނިދުމުން އޭނާ އެވަނީ މަރުގެ ޙާލަތެއްގައެވެ. އޭނަގެ ފުނާރަ ﷲ ގެންދަވަތެވެ. އަދި މަރުވުމަށް އިރާދަ ކުރައްވައިފިމީހަކުގެ ފުރާނަ އެއިލާހު ހިފައްޓަވަތެވެ. އަދި އެނޫން މީހުންގެ ފުރާނަ އޭނާގެ ހަށިގަނޑަށް އަނބުރާ ފޮނުއްވަތެވެ. ﴿اللَّهُ يَتَوَفَّى الأَنْفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَى عَلَيْهَا الْمَوْتَ وَيُرْسِلُ الأُخْرَى إِلَى أَجَلٍ مُسَمًّى إِنَّ فِي ذَلِكَ لآياتٍ لِقَوْمٍ يَتَفَكَّرُونَ﴾ (الزمر: 42). މާނައީ:- ”نفسތައް މަރުވާހިނދު، އެ نفسތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّهއެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.“

މަރަށް ތައްޔާރު ވުމުގެ ގޮތުން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ، ﷲއާއި އެކަލާންގެ ރަސޫލާ  ﷺއަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ.

ނިދިން ހޭލެވުން އެއީ ދުނިޔޭގެ ޙަޔާތުގައި އިތުރަށް ހެޔޮ ޢަމަލުކުރުމަށް ލިބުނު ވަގުތެކެވެ. އިއްޔެ ފާފައެއް ކުރެވިފައިވާނަމަ، ތައުބާވާން ލިބުނު ފުރުޞަތެކެވެ. އެހެންކަމުން ނިދިންހޭލެވުމުން، އޭނާގެ ފުރާނަ އަނބުރާ ހަށިގަނޑަށް ފޮނުއްވެވި ކަމަށްޓަކައި ﷲއަށް ޙަމްދު ކުރަންވާނެއެވެ. عَنْ حُذَيْفَةَ، وَأَبِي ذَرٍّ رَضِيَ اللهُ عَنْهُمَا قَالَا‏:‏ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا اسْتَيْقَظَ قَالَ‏:‏ ‏“‏الْحَمْدُ للهِ الذِّيْ أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُوْر‏“‏ ‏(‏‏(‏رواه البخاري‏)‏‏)‏‏.‏ މާނައީ:- ”ޙުޛައިފާ އަދި އަބޫ ޛައްރު(رَضِيَ اللهُ عَنْهُمَا)ގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލުﷲ ﷺ އަވަހާރަފުޅުން، ހޭފުޅު ލައްވާހިނދު ”ތިމަން މަރުގެންނެވުމަށްފަހު، އަލުން ދިރުންދެވި ﷲއަށް ޙަމްދު ހުއްޓެވެ، އަދި އެނބުރި ދިއުންވަނީ އެފަރާތަށެވެ.“ މިފަދައިން ވިދާޅުވާކަމުގައި ވިއެވެ.

އެހެންކަމުން ހެނދުނު އޭނާއާއި ބައްދަލުކޮށްފިނަމަ، ހަވީރު އޭނާއާއި ބައްދަލު ވުމުގެ ކުރިން މަރު އޭނާއާއި ބައްދަލު ކޮށްފާނެ ކަމުގެ އިންތިޒާރުގައި ހުރުން ބުއްދިވެރިއެވެ. ހަވީރު ވަންދެން އޭނާ ދުނިޔޭގައި ނުހުރެދާނެއެވެ. މިޙަޤީޤަތަށް ރިޢާޔަތްކޮށް ކިތަންމެ ކުޑަކަމެއްނަމަވެސް، ހެޔޮކަމެއްނަމަ އެކަމެއް ކުރަން އަވަސްވެގަންނާށެވެ.

”އަދި ތިބާ ދުޅަހެޔޮ­ކަމުގައި ވާ ޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ.“ މީގެމާނައަކީ ބަލިވޭތޯ އިންތިޒާރު ކުރުމެއްނޫނެވެ. މީގެމާނައަކީ ބަލިވުމުގެ ކުރިން ދުޅަހެޔޮ ޙާލު އާޚިރަތަށް ގެންދާނެ ޘަވާބާއި ދަރުމަ ހޯދުމުގައި އަވަދި ނެތިވާށެވެ. ބަލިވުމުން އަޅުކަން ނުކުރެވި ހުންނަން ޖެހިދާނެތީއެވެ. ގައިބާރު ހުރި ދުވަހު އާޙިރަތަށް ގެންދާނެ ދަރު ކޮށްތު ތައްޔާރު ކުރާށެވެ. عَنْ عَبْدُاللهِ بُن عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ”نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيْرٌ مِنْ النَّاسِ: الصِّحَةُ وَالْفَرَاغُ“. (رواه البخاري) މާނައީ:- ”ޢަބްދުﷲ ބުނު ޢައްބާސް (رضي الله عنهما)ގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. ދެ ނިޢުމަތެއް މަތިން މީސްތަކުންވަނީ (މާބޮޑު ކަމެއްކަމުގައި ނުދެކި) ޣާފިލުވެގެންނެވެ. އެއީ ދުޅަހެޔޮ ޞިއްޙަތާއި، ހުސްވަގުތެވެ.“ އެހެންކަމުން ތިބާ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ދުވަހު އެ ނިޢުމަތުގެ ފައިދާ ހެޔޮގޮތުގައި ހިފާ ހީވާގި ކަމާއެކު އަޅުކަންކުރާށެވެ! ބަލިވާނީ ކޮންއިރަކު ކަމެއް ނޭނގޭނެއެވެ. އެވަގުތަކަށް ތިބާ ތައްޔާރާށް ހުންނާށެވެ!

”ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“ މީގެ މާނައީ، މަރުގެ ވަގުތު އައުމުގެ ކުރިން ދުނިޔޭގައި ހެޔޮ ޢަމަލު ކުރާށެވެ. އެހެނީ ދުނިޔެއަކީ އާޚިރަތަށްޓަކައި މަސައްކަތްކުރަން އޮތް ދަނޑުބިމެވެ. އާޚިރަތުގައި މަސައްކަތް ކުރުމެއް ނުވެއެވެ. އެދުވަހުން އޮތީ މިދުނިޔޭގައި ކުރިގޮވާމުގެ މޭވާ ކެނޑުމެވެ. ކޮންމެ ވަގުތެއްގައިވެސް އެދުވަހާއި ބައްދަލު ކުރަން ޖެހިދާނެއެވެ. ޤިޔާމަތުގެ ވަޤުތަކީ އެއްވެސް އިންސާނަކަށް އެނގިގެން ވާ އެއްޗެއްނޫނެވެ. އަދި ކޮންމެ މީހަކު މަރުވުމުން އެމީހެއްގެ ޤިޔާމަތް ފެށުނީއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ކޮންމެ ވަގުތަކުވެސް ހުންނަންވާނީ މަރަށް ތައްޔާރުވެ، ހުސިޔާރުވެގެންނެވެ. އިބްނު ކަޘީރު އެކަލޭގެފާނުގެ ފޮތް އަލްބިދާޔާ ވައްނިހާޔާގައި ބަޔަންކުރައވާފައިވެއެވެ. ”މީހަކު މަރުވުމުން އޭނާ އެދަތުރުކުރީ އާޚިރަތަށެވެ.“

މަރަށް ތައްޔާރު ވުމުގެ ގޮތުން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ، ﷲއާއި އެކަލާންގެ ރަސޫލާ  ﷺއަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. އަދި އެދެފަރާތްދެކެ ލޯބި ވުމެވެ. އެހެނީ ޤިޔާމަތް ދުވަހުން މީހާ ވާހުށީ އެމީހަކު ލޯބިވި ބަޔަކާއެކުއެވެ. وعن أَنسٍ رضي الله عنه: أَنَّ أَعرابيًّا قَالَ لرسول اللَّه ﷺ: مَتَى السَّاعَةُ؟ قَالَ رسولُ اللَّه ﷺ: مَا أَعْدَدْتَ لَهَا؟ قَالَ: حُبُّ اللَّهِ ورسولِهِ، قَالَ: أَنْتَ مَعَ مَنْ أَحْبَبْتَ. متفقٌ عَلَيهِ، وهذا لفظ مسلمٍ. މާނައީ:- ”ﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވިއެވެ. އަޢުރާބީއަކު (ރައްފުށު މީހަކު) ރަސޫލުﷲ ﷺ އަށް ސުވާލު ދެންނެވިއެވެ. ”ޤިޔާމަތްވާނީ ކޮން އިރަކުންތޯއެވެ؟“ އިތުރު އެކަލޭގެފާނު ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ. ”ތިބާ އެވަގުތަށްޓަކައި ތައްޔާރުކުރީ ކޮންއެއްޗެއްތޯއެވެ؟“ އޭނާ ދެންނެވިއެވެ. ”ﷲ އާއި އެކަލާންގެ ރަސޫލާއަށް އޮތްލޯތްބެވެ.“ ދެން އިތުރު އެކަލޭގެފާނު ﷺ ޙަދީޘްފުޅު ކުރެއްވެވިއެވެ. ”ތިބާ ވާހުށީ ތިބާ ލޯބިވީ ބަޔަކާ އެކުއެވެ.“

ވީމާ މިފަދަ އިރުޝާދުތަކުން ޢިބުރަތް ލިބިގަންނަ ބަޔަކުކަމުގައ އަޅުގަނޑުމެން ވާންވާނެއެވެ. ފަހުން ކުރަން ކަންކަން ނުބަހަށްޓާ ކޮންމެ ކަމެއްގެވެސް ކުރީކޮޅި ޔެހޮ ކަންކަން ކުރެވޭތޯ އަވަސްވެގަންނަން ވާނެއެވެ. އަދި އަބަދުވެސް މަރަށް ތައްޔާރުވެ ތިބޭބަޔަކު ކަމުގައި ވާންވާނެއެވެ. އަދި ޤިޔާމަތްދުވަހު ﷲއާއި ރަސޫލާ ﷺގެ އަރިހުގައި ވެވޭތޯ އުއްމީދު ކުރާޙާލު އެދެފާރާތްދެކެ ލޯބިވާ ބަޔަކު ކަމުގައި ވާންވާނެއެވެ. މީހަކު އެހެންމީހަކުދެކެ ލޯބިވާނަމަ، ލޯބިވާމީހުން ލޯބިވާ ފަރާތުގެ ބަސް އަހާނެއެވެ. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ ކިޔަމަންތެރި ބަޔަކު ކަމުގައި ލައްވާނދޭވެ! (ނިމުނީ)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.