ﷲއާއި ބައްދަލުވާން އެދޭނަމަ… ދެ ކަމަކަށް ސަމާލުވާށެ!
ﷲއާއި ބައްދަލުވާން ކޮންމެ މުސްލިމަކުވެސް އެދޭނެއެވެ. އެކަމަށް އެދޭ މީހުން ޢަމަލުކުރަންވީފަސޭހަ ގޮތެއް ކީތިރި ޤުރްއާނުގައި ވަރަށް ސާފު ޢިބާރާތުން ﷲ ވަނީ މިވާހަކަ ބަޔާން ކުރައްވާފައެވެ. ކަހަފް ސުރަތުގެ އެންމެ ފަހު އާޔަތުގެ އެންމެ ފަހުބައިގާ އަންގަވަނީ ﴿فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحًا وَلاَ يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ (الكهف: 110). މާނައީ:- ”ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!.“ މިއެވެ.
މިއާޔަތުން އެނގިގެން ދަނީ ﷲއާއި ބައްދަލުވާން އެދޭމީހާ ސަމާލުވާންވީ ދެކަމެއް ގެ ވާހަކައެވެ.
1- އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ!
2- އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!.
ޞާލިޙު ޢަމަލުން ޢަމަލު ކުރުމަކީ ކޮބައިބާއެވެ؟ އެއީ ހިތުގެ އަޅުކަމާއި ބޭރުފުށުގެ ޢަޅުކަމާއި ދިމާވުންކަމުގައިވެސް ބުނެވިދާނެއެވެ. ތިމާ ކުރާ ކޮންމެ ޢަމަލަކީ ވެސް ޞާލިޙު ޢަމަލެއްގެ ގޮތުގައި ހިމެނިދާނެއެވެ. އެއީ އެކުރާކަމެއްގައި ހިތް ނިޔަތް ޚާލިޞް ކުރީމައެވެ. ކޮންމެ ޢަމަލެއްވެސް ބިނާވެގެން ވަނީ ހިތު ނިޔަތުގެ މައްޗަށެވެ. ކޮންމެ ހެޔޮކަމަކީ ޞަދަޤާތެއް ކަމުގައި ބަޔާންކޮށްދެއްވި ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މަފްހޫމުގައިވެއެވެ. ތިބާގެ އަނބިމީހާއާއިއެކު ދެމަފިރިކަމުގެ ގުޅުން ހިންގުމީވެސް އެކަމުގެ މައްޗަށް ތިޔަބައިމީހުނަށް ދަރުމަ ލިބޭނެ ކަމެކެވެ. އެކަމުގެ އަޖާއިބުކަން އިހުސާސްވެ އެކަލޭގެފާނުގެ ޞަޙާބީން ސުވާލުދެންނެވުމުން ޖަވާބުގައި ވިދާޅުވީ، ތިޔަބައިމީހުން އެކަން ޙަރާމުގޮތުގައި ކޮށްފިނަމަ އަޛާބު ނުލިބޭނެ ހެއްޔެވެ؟ އެބޭކަލުން އާދޭހޭ! ޢާޛާބު ލިބޭނެއޭ ދެންނެވެމުން ޙަދީޘްފުޅު ކުރެއްވީ އެހެންކަމަށްވާނަމަ އެކަން ހުއްދަގޮތުގައި ކުރުމުން ޘަވާބުވެސް ލިބޭނެކަމުގައެވެ.
ދުނިޔޭގަ ޙަޔާތުގައި ތިބާގެ ހުރިހާ ޢަމަލެއް ﷲއަށްޓަކައި ހިތްނިޔަތް ޚާލިޞްކޮށްގެން، އެކަލާންގެ ފޮނުއްވެވި ރަސޫލާ ﷺ އެންގެވިގޮތަށް ކޮށްފިނަމަ އެކަމެއްވެގެންދާނީ ޞާލިޙު ޢަމަލުގެ ތެރެއިންނެވެ.
ﷲއަށް އަޅުކަން ކުރުމުގައި އެވެސް މީހަކު ބައިވެރި ނުކުރުމަކީ ކޮބައިހެއްޔެވެ؟
އެއްވެސް އިތުރު ބައިވެރިއަކުގެ އެހީތެރިކަމަކާއި ނުލާ ތިބާ ޚަލްޤު ކުރައްވައި ތިބާއަށް ރިޒްޤުދެއްވަވައި، ތިބާގެންގުޅުއްވާ ވެރި އިލާހަށް އަޅުކަން ކުރުމުގައި އެހެން އެއްވެސް ފަރާތެއް އެ އިލާހާއި އެއްފަދަ ކޮށްގެންނުވާނެއެވެ. ބައިވެރިކޮށްގެން ނުވާނެއެވެ. އެހެނީ އެއިލާހާއި ބައިވެރިއަކު ހަމަކުރުމީ ޝިރުކެވެ. އެއީ އެންމެ ބޮޑު އަނިޔާއެވެ. މިކަން ބަޔާންކުރަށްވަވައި ﷲ ވަޙީ ކުރައްވަވަނީ ﴿ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴾ (لقمان: 13). މާނައީ:- “ ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.“ މިއެވެ.
ތިބާ ކުރާ އަޅުކަން އެހެން މީހަކަށް ދައްކަން، ނުވަތަ ބަޔަކު ބަލާހެން ހީވެގެން އެކުރަންހުރި ކަމެއް ރީތިކޮށް، ޗާލުކޮށް،ފުރިހަމަކޮށްލުމުގެ ނިޔަތުގައިވެސް ކަމެއްކޮސްފިނަމަ އޭނާގެ އަޅުކަމުގައި މީހަކު ބައިވެރި ކުރީކަމުގައި ވެދާނެވެ. އަޅުކަން ކުރަންވާނީ ހަމައެކަނި ﷲގެ ރުހުންހޯދާށެވެ.
މިދެންނެވި ބީދައިން އަޅުކަންކޮށްފިނަމަ އަދި ހެޔޮޢަމަލު ކުރުންމަތީ ދެމި ހުރެއްޖެނަމަ. އެމީހަކާއި ﷲ ބައްދަލު ކުރައްވާނެއެވެ. އެއީ އެއިލާހުގެ ވަޢުދުފުޅެވެ. އެއިލާހަކީ ވަޢުދާ ޚިލާފުވާ ފަރާތެއްނޫނެވެ. ﴿…فَلَنْ يُخْلِفَ اللَّهُ عَهْدَهُ …﴾ (البقرة: 80 މާނައީ:- ”اللَّه އެކަލާނގެ عهد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ.“ މިއެވެ.
އަޅުގަނޑުމެން ﷲއާއި ބައްދަލުވާން އެދޭނަމަ، ގަދައަޅާ މަސައްކަތް ކުރަންވީ މިދެޝަރުތު ފުރިހަމަކުރުންމަތީ ދެމިތިބޭ ބަކަކު ކަމުގައި ވުމަށެވެ.