އައިޖީއެމްއެޗުގެ ޚިދުމަތްދޭ ގަޑިތަަކަށް ބަދަލު ގެންނަން ނިންމައިފި
ކޮވިޑް 19 އާއި ގުޅިގެން ދިމާވެފައިވާ ޚާއްސަ ހާލަތަށް ރިޢާޔަތްކޮށް އަައި.ޖީ.އެމް.އެޗްގައި އަމަލު ކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް، މެއި 5 ވަނަ ދުވަހުން ފެށިގެން ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައި.ޖީ.އެމް.އެޗްގެ އިމާރާތުން ލިބެންހުންނަ ހިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތައް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ގޭޓަކީ ހަމައެކަނި ކަނބާ އައިސަރަނި ހިނގުމުގައިވާ މައި ގޭޓް ކަމަށެވެ. އަދިދެން ހުރި ހުރިހާ ގޭޓެއް (ބޮޑުތަކުރުފާނު މަގުގައިވާ ކެންޓީން ގޭޓް އަދި އެސް.ޓީ.އޯ ފާމަސީ ކައިރިން ވަންނަ ގޭޓް) ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކަނބާ އައިސަރަނި ހިނގުމުގައިވާ މައި ގޭޓުން ޚިދުމަތް ހޯދުމަށް ވަންނަ ފަރާތްތަކުގެ ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރަން ފަށާނެ ކަމަށާއި އަވަސް ފަރުވާ ބޭނުންވާ ފަރާތްތައް އިމަރޖެންސީ މައި ގޭޓް ބޭނުންކުރުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ. އަދި މި ފަރާތްތަކުގެ ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރާނެ ކަމަށް ވެސް ބުންޏެވެ.
ދަރުމަވަންތަ ހޮސްޕިޓަލުން ދެވޭ ޚީދުމަތްތަށް ހޯދުމަށް އަންނަ ފަރާތްތައް ހަމައެކަނި ބޮޑުތަކުރުފާނު މަގުގައިވާ ގޭޓް ބޭނުން ކުރުމަށާއި މި ގޭޓުން ވަންނަ ފަރާތްތަކުގެ ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރާނެ ކަމަށް ވެސް އައިޖީއެމްއޗުގެ ބަޔާނުގައި ބުނެފައި ވެއވެ.
މީގެ އިތުރުން ދުރާލާ ރާވައިގެން ކުރެވޭ އޮޕަރޭޝަންތައް ކުރުން މެދުކަނޑާލުމަށް ނިންމާފައިވާ އިރު، ކޮންމެހެން ޒިޔާރަތްކުރަންޖެހިއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ވަނީ އެދިފަ އެވެ. އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާނަމަ މާސްކު އެޅުއްވުމަށާއި 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް ވެސް ވަނީ އެދިފަ އެވެ.
އައިޖީއެމް ހޮސްޕިޓަލުގެ ޚިދުމަތްދޭ ގޮތްތަކަށް ބަދަލުތައް ގެނެސްފައިވަނީ އާއްމު ރައްޔިތުންނާއި ސިއްހީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މި ބަދަލުތައް ގެނެވުނުކަމުގައި ވީނަމަވެސް ކުއްލި ހާލަތުގައި ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށް އަވަސް ފަރުވާގެ ޚިދުމަތް 24 ގަޑިއިރު ލިބެމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ހަލުވިކަމާއިއެކު ފެތުރެމުންދާ މި ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލު ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި ދިވެހި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާނެކަމަށް އެ ހޮސްޕިޓަލުން އުއްމީދުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.