މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ދުވާލުގެ ވަގުތަށް ބަދަލު ކުރަން ނިންމައިފި
މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ދުވާލުގެ ވަގުތަށް ބަދަލު ކުރަން ނިންމައިފި އެވެ.
ކޮވިޑް-19ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅެއްގެ ގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސިޓީގައި ވެކްސިން ޖެހުން ދުވާލުގެ ވަގުތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމާފައިވާ އިރު، ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ވަނީ 734 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި 540 މީހުން ވސް ހިމެނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައިވާ އިރު، މީގެ ދެ ދުވަސް ކުރިން އެ އެޖެންސީ އިން އިއުލާން ކުރީ ރޭގަނޑު 00:00 އިން ފެށިގެން ފަތިހު 4:00 އަށް ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށެވެ.
ނަމަވެސް ރޭ އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަދުން (6 މެއި) ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 21:00އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ.