ރައީސް ނަޝީދުގެ ތިންވަނަ އޮޕަރޭޝަނެއް ކޮށްފި
ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ނިރުބަވެރި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ތިން ވަނަ އޮޕަރޭޝަނެއް ކޮށްފިއެވެ.
ރޭގައި އެމަނިކުފާނަށް މި ހަމަލާދީފައިވަނީ އެމަނިކުފާނު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށް ރޭގެ 20:30 ހާ ކަންހާއިރުގައެވެ. ނަޝީދަށް ހަމަލާދީފައިވަނީ އިމްޕްރޮވައިސްޑް އެކްސްޕްލޮސިވް ޑިވައިސް (އައިއީޑީ) އެއް ބޭނުންކޮށްގެންނެވެ.
މި ހަމަލާގައި ނަޝީދަށާއި އެމަނިކުފާނުގެ ހަށިފާރަވެރިންނަށާއި ބައެއް އާންމުންނަސް ވެސް އަނިޔާވެގެން ފަރުވާ ދޭން ޖެހުނެވެ. ނިރުބަވެރި ހަމަލައާ ގުޅިގެން ނަޝީދަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނަށް ބޭރުފުށުން ލިބިވަޑައިގެންނެވި ޒަހަމްތައް ގިނަނަމަވެސް އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އެކި ފަރާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.
އަދި މި މައްސަލަ ސަލާމަތީ ބާރުތަކުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.