ޔޫރޮޕާ ލީގް: ޔުނައިޓެޑާއި ވިޔަރެއާލް ފައިނަލަށް ދަތުރުކޮށްފި
ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިންގެ ވިޔަރެއާލް ދަތުރުކޮށްފި އެވެ.
ވިޔަރެއާލުން ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވެ، ފުރަތަމަ ލެގުގެ ނަތީޖާއާއި އެކު 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިލިބިގެންނެވެ.
މެންޗެސްޓާޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ5-8 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ. ރޭގެ ކުޅުނު ދެވަނަ ލެގުގެ މެޗުން2-3 އިން ޔުނައިޓެޑު ބަލިވި ނަމަވެސް އެޓީމުން ވަނީ ފުރަތަމަ ލެގުގައި 2-6 ގެ ނަތީޖާއިން ކުރިހޯދާފައެވެ.
ދެވަނަ ލެގުގައި ރޯމާ އަތުން ޔުނައިޓެޑް ބަލިވި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. ފްރެޑް ދިން ބޯޅައަަކުން މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކުރީ އެޑިންސަން ކަވާނީ އެވެ. ފުރަތަމަ ހާފު ލީޑުގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ރޯމާގެ ޒެކޯ ޖެހި ލަނޑުން ނަތީޖާ ހަމަހަމަކުރި އެވެ.
މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ރޯމާ އިން ލީޑުނެގިއެވެ. އެއާއެކު ޔުނައިޓެޑުން 68 ވަނަ މިނެޓުގައި ޔުނައިޓެޑުން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ޖަހައިދިނީ ކަވާނީ އެވެ. މިމެޗުގައި ކަވާނީ ވަނީ ދެލަނޑު ޖަހާފައެވެ. މި މެޗުން ރޯމާ މޮޅުވި ލަނޑަކީ ޔުނައިޓެޑުގެ އެލެކްސް ޓެލްސް އަތުން ބަައިކޮޅަަށް ވަން ގޯލެކެވެ.
ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕޮލޭންޑްގެ ގަޑާންސް ގައެވެ.