ސަމާލުވޭ! ހއ އިން ޅ. އަތޮޅަށް މޫސުން ގޯސްވެ، އޮރެންޖު އެލަރޓް ނެރެފި
ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖް އެލަރޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން ކަނޑުތައް ގަދަވެ ރާޅު އަރާފާނެ ކަަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
Alert Orange for Torrential rain with possible flooding, strong winds of 34-40 mph, gust winds of 60 mph with rough seas and swell waves. pic.twitter.com/zHHcjq4Nsr
— Maldives Meteorology (@MetMaldives) May 14, 2021
ކުރިޔަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނޑުތައް ގަދަވެ، ވައިބާރުވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި އާންމު ގޮތެއްގައި 17 މޭލާ 27 މޭލަށް ވައިގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑެއްގައި 50 މޭލާ 60 މޭލަށް ވައިގަދަވާނެކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ރާއްޖެ ކައިރިން އަރަބިކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާއިރު، މި ކޮޅިގަނޑު މިހާރުވަނީ ބާރުގަދަވާން ފަށާފައެވެ.
އެހެންކަމުން މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ އިރު، މި ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްސާރަ ވިލާ އުފެދެމުންދާކަމަށާއި މި ކޮޅިގަނޑު މިހާރު ދަނީ ރާއްޖެއާ ދުރަށްކަމަށްމެޓް އޮފީހުން ބުނެއެވެ.