ޝިރާނީގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފިލްމީ ދާއިރާއިން ދެން ނުފެންނާނެ
ދިވެހި ފިލްމީ އުދަރެހުގައި ޢައިޝަތު ޝިރާނީއަކީ ކުލަގަދަ ތަރިއެކެވެ. ފަނޑުވުމެއް ނެތް މޫނެކެވެ.
1990 ވަނަ އަހަރާއި 2000 ގެ އަހަރުތަކުގައި ޝިރާނީއަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ފުންނާބު އުސް، އަދި ގިނަބައެއްގެ ރުހުމާއި ލޯބި ހޯދާފައިވާ ފަންނާނެކެވެ.
ޚާއްސަކޮށް ގިނަ ލަވަތަކެއްގައި ނެށުމުގެ ފަރި ހަރަކާތްތަކުގައި ފައި ހަމަކޮށްފައިވާލެއް ފުރިހަމަކަމަކީ ފިލްމީ ދާއިރާގެ ކުރިމަގު އުޖާލާ ފަންނާނެއް ކަމަށް ގަބޫލުކުރި ގިނަ ބަޔަކު މިއަދު ވެސް ދެކެމުން އަންނަނީ އެގޮތަށެވެ.
ޝިރާނީ ކުޅެފައިވާ ލަވަތަކުގެ ތެރެއިން މިހައިތަނަށް ވެސް އެންމެ މަގުބޫލު އެއްލަވައަކީ ގިޔާސް އާއެކު ހަރަކާތްތެރިވެފައިވާ ”މަހޭނެތިދާނޭ، ވެ ލޯބިން ދިވާނާ“ އަކީ އޭރުވެސް މިހާރުވެސް ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ ލަވަ އެކެވެ. އަދި ގިނަ ހަފުތާތަކެއްގައި، އެންމެ ތުއްތުކުދިން ފެށިގެން ބޮޑެތި މީހުން ވެސް ނަށަމުން އަންނަ ލަވައެކެވެ.
ކަން މިހެން އޮތް އިރު، ޝިރާނީގެ ސަޕޯޓަރުން އިންތިޒާރުކުރަމުން އައީ ފިލްމީ ދާއިރާއިން އަދިވެސް ފެންނާނެ ދުވަހަކަށެވެ.
ނަމަވެސް ޝިރާނީ ބުނެފައިވަނީ އަލުން ފިލްމީ ދާއިރާއަށް ނުކުތުމަށް އެއްވެސް ގޮތަކަށް ޚިޔާލުނުކުރާ ކަމަށެވެ. ކުރީގެ މަޝްހޫރު ބަތަލާ އައިޝަތު ޝިރާނީ ބުނެފި އެވެ.
ޓީވީއެމްއިން ދެއްކި ޕްރޮގްރާމެއްގައި ޝިރާނީ ބުނީ ފިލްމީ ދާއިރާއަށް ވަދެވުނީ ލަވަކިޔުމާއި ނެށުމަށް ހުންނަ ޝައުގެއްގެ ތެރެއިން ކަމަށެވެ. އަދި ފިލްމުތަކުން ފުރުސަތު ލިބެން ފެށީ ޓީވީއެމްއަށް ކުޅެދިން ގިނަ ލަވަތަކެއްގެ ސަބަބުން ކަމަށެވެ.
ލަވައިގެ އިތުރުން ފިލްމާއި ޑްރާމާތަކުގައި ވެސް ޝިރާނީގެ އެކްޓިންގ ފާހަގަކޮށްލެވޭ އިރު، ފިލްމީ ދާއިރާއާ ދުރަށް ދާން ގަސްދުކުރީ އަމިއްލަ ދިރިއުޅުމެއް ފެށުމަށް ފަހު ފިލްމީ މަސައްކަތްތަކުގައި ރަށުން ބޭރަށް ދިއުން ދަތިވުމުން ކަމަށް ޝިރާނީ ބުނެފައި ވެއެވެ.
ޝިރާނީ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ވެސް ގިނަ ބަޔަކު މިހާރުވެސް ތަކުރާރުކޮށް ބަލާލަން ބޭނުންވާ އެއް ފިލްމަކީ ނަހުލާގެ ފިލްމު ”ކަލާޔާނުލާ“ އެވެ. އެކަމަކު އެ ފިލްމަށް ފަހު މިހައިތަނަށް ވެސް ޝިރާނީ ފިލްމެއް ކުޅެފައެއް ނުވެއެވެ.
ފިލްމީ ދާއިރާއިން ނުފެންނާނެ ކަމަށް ޝިރާނީ ބުނިނަމަވެސް ސަޕޯޓަރުންގެ އުއްމީދުކުރަނީ ކޮންމެވެސް ފިލްމެއްގެ ނުވަތަ ޑްރާމާއެއް ގެ ސައިޑު ރޯލަކުން ނުވަތަ ޚާއްސަ ފެނިލުމަކުން ނަމަވެސް ފެންނާނެ ދުވަހަކަށެވެ.