ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ
އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.
އެ މިނިސްޓްރީން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައްޔާއި ސްރީލަންކާގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުމުގެ އުޞޫލަށް ސްރީލަންކާގެ ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
މިގޮތުން، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް އެ މުއްދަތުގެ ތެރޭގައި އެ ޤައުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް (ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނޭހެން)، އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް، ނުވަތަ ކަރަންޓީނު ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތައް ކަރަންޓީނުވާންޖެހޭނެކަމަށް އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
”އެ ޤައުމަށް ދަތުރުކުރާ 12 އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ ”އޮން އެރައިވަލް“ PCR ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ ”އެގްޒިޓް“ PCR ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމުގައިވެސް ވަނީ އަންގަވާފަ.“ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން، އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ PCR ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަނި ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންނަމަވެސް ކަރަންޓީނު ކުރުމުގެ އުޞޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައިވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގަވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާއަށް ދަތުރުކުރައްވަން ޤަޞްދުކުރައްވާ ދިވެހިން މިކަމަށް ސަމާލުކަންދެއްވުމަށް އެދޭ ކަމަށެވެ.
މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.