އެމްޕީއެލްގެ މައި ބަނދަރު ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކޮށްފި
އެމްޕީއެލްގެ މައި ބަނދަރު ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކޮށްފި އެވެ.
މޯލްޑިވިސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް އިން ބުނީ، މައި ބަނދަރު ޕޯޓަލް މައި ބަނދަރު ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑް ކޮށްފައިވަނީ ފަސޭހަ ޚިދުމަތްތަކާއެކު ކަމަށެވެ. އަދި މިއީ މިއީ އެމްޕީއެލްގެ ޚިދުމަތް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް، އެމްޕީއެލްގެ ޚިމަތްތައް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މި ބަދަލާއި އެކު މައި ބަނދަރު ޕޯޓަލް ލިންކު ބޭނުންކޮށް ޕޯޓަލުން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި މޯބައިލް ޕޭގެ ޚިދުމަތް ލިބޭނެ ގޮތްވެސް ވަނީ ހަމަޖެހިފަ އެވެ. މި ބަދަލާއި އެކު ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިންގ އޭޖެންޓުންނަށްވެސް ފަސޭހަކޮށް އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ގޮތް މިވަނީ ހަމަޖެހިފަ އެވެ.
ޚިދުމަތަށް އައި ބަދަލުތަކުގެ ތެރެގައި ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވުމާއި މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުން ހިމެނެ އެވެ.
މީގެ އިތުރުން ޝިޕިންގ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިންގ) ހުށަހެޅޭނެ ގޮތާއި ހުރިހާ ކަސްޓަމަރުންނަށް ފައިސާ ދެއްކި ހުރިހާ ރަސީދުތަކުގެ ތަފްސީލުތައް ކޮންމެ ވަގުތަކުވެސް ޕޯޓަލުން ފަސޭހައިން ބަލާލެވޭނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
”އަޅުގަނޑުމެންގެ އިލްތިމާސަކީ، ކޮވިޑްގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް، އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުން. އަޅުގަނޑުމެންގެ މަގްސަދަކީ، މިހާރު ދެމުންދާ ހުރިހާ ޚިދުމަތެއް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުން.“ އެމްޕީއެލް އިން ބުންޏެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް ކުރިޔަށް އޮތް ދުވަސްތަކުގައި އެ ކުންފުނިން އިޢުލާންކުރާނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ.