ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވިއްޖެ: ކޮމިޝަނަރ
ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވިއްޖެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުރިހާ ޖަލެއްވެސް ވަނީ އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށާއި ޖަލަށް ޒިޔާރަތްކޮށްގެން އާއިލީ ބައްދަލުވުމާއި، ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިހަފްތާގެ ތެރޭގައި އެކަމަށް ޚާއްސަ އުސޫލެއް އާންމުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވިއްޖެ. ހުރިހާ ޖަލެއްވެސް ވަނީ އާންމު ހާލަތަކަށް ގެނެވިފައި. ޖަލަށް ޒިޔާރަތްކޮށްގެން އާއިލީ ބައްދަލުވުމާއި، ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން. މިހަފްތާގެ ތެރޭގައި އެކަމަށް ހާއްސަ އުސޫލެއް އާންމުކުރެވޭނެ.
— Ahmed Mohamed (@ahumadhumohamed) July 13, 2021
އޭނާ މިހެން ވިދާޅުވެ، ޓްވީޓު ކުރައްވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ދާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ބުނެފައިވާ ވަގުތެއްގަ އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގެއަށް ބަދަލުކުރީ މާފުށީ ޖަލުގެ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖަލުގައި ކޭސްތައް ފެތުރެން ފެށުމާއި ގުޅިގެން ނެވެ.
އެކަމުގެ ސަބަބުން ޖަލުގައި ތިބި ހައިރިސްކު މީހުން، މިދިޔަ އޭޕްރީލް މަހުގެ ފަހު ކޮޅު ގެއަށް ބަދަލުކުރި އިރު، އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވަ އެވެ.
ކަރެކްޝަންސް ސަރވިސް އިން ބުނެފައިވަނީ މާފުށީގައި ކޮވިޑް ހާލަތު ގޯސްވެ ގެއަށް ބަދަލު ކުރި ގައިދީން އަނބުރާ މާފުށީ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި މިހާރު މާފުށީގެ ހާލަތު ރަނގަޅު ކަމަށެވެ.