ޖަލުން ފިލަން ހަތިޔާރަކަށް ބޭނުން ކުރީ މުގުރި މިރުސް
ސެކިއުރިޓީ ބަލަހައްޓަން ތިބި ގާޑުންނަށް މުގުރި މިރުހާއި ލޮނުން ހަމަލާ ދިނުމަށް ފަހު އިންޑިޔާގެ ޖަލަކުން 7 ޤައިދީއަކު ފިލައިފިއެވެ.
އިންޑިޔާގެ އަރޫނާޗަލް ޕްރަދޭޝްގައި ހުންނަ ޕާސީގާޓް ޖަލުގައި ބަންދުކޮށްފައި ތިބި މި 7 ޤައިދީން ފިލާފައި ވަނީ، އެތައް ދުވަހެއް ވަންދެން މުގުރި މިރުހާއި ލޮނު ފޮރުވައިގެން އެއްކުރުމަށް ފަހު، ސެކިއުރިޓީގައި ތިބި ގާޑުންގެ ލޮލަށް ޖަހައި އެމީހުންނަށް ހަމަލާ ދިނުމަށްފަހު ކަމަށް އޮފިޝަލުން ބޭރުގެ މީޑިއާއަކަށް މަޢުލޫމާތު ދީފައިވެއެވެ. އޮފިޝަލުން އިތުރަށް ބުނެފައިވާ ގޮތުގައި، މިޤައިދީން ބައިތިއްބާފައި ތިބީ އެއް ގޮޅީގައި ކަމަށާއި، ގާޑަށް ހަމަލާ ދީފައި ވަނީ ރޭގަނޑު ކާގަޑިއަށް އެމީހުން ތިބި ގޮޅި ހުޅުވި ވަގުތު ކަމަށެވެ.
ޤައިދީން ދިން ހަމަލާގައި ސެކިއުރިޓީ ގާޑުންގެ 5 މީހަކަށް ވަނީ އަނިޔާ ވެފައެވެ. އޭގެތެރެއިން އެކަކުގެ ބޮލުގައި ޖަލު ތަޅުލާން ގެންގުޅޭ ތަޅުން ހަމަލާ ދިނުމުގެ ސަބަބުން ބޯ ފެޅިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ. އަދި ޤައިދީންގެ ތެރެއިން އެކަކު ދިޔައީ ގާޑެއްގެ މޯބައިލް ފޯންވެސް ޖަހައިގަނެގެންނެވެ.
މީޑީއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ ޤައިދީން ފިލި ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމުގައާއި، އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އެސިޓީއިން ބޭރަށް ނިކުންނަ ޗެކްޕޮއިންޓްތައް ވެސް ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮވިޑްގެ ސަބަބުން ކޮންމެ ދުވަހަކު ހަވީރު 3:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގާފައި ވުމުން ޤައިދީންނަށް ފިލައިގެން ދިއުމަށް ފަސޭހަ ނުވާނެ ކަމަށާއި، ވަރަށް އަވަހަށް އެމީހުން އަލުން ހައްޔަރު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.