އޮމާންގެ ރަށްބޭރުން އިޒްރާއީލްގެ ޓޭންކަރަކަށް ދިން ހަމަލާގައި 2 ފަޅުވެރިން މަރުވެއްޖެ
އިޒްރާއީލްގެ ކުންފުންޏެއް ކަމަށްވާ ޒޯޑިއެކް މެރިޓައިމްއިން އޮޕަރޭޓްކުރާ ޕެޓްރޯލިއަމް ޓޭންކަރަކަށް ދިން ހަމަލާއެއްގައި އެޓޭންކަރުގައި މަސައްކަތްކުރާ 2 ފަޅުވެރިން މަރުވެއްޖެއެވެ.
އޮމާންގެ ރަށްބޭރުން އެރޭބިއަން ކަނޑުގައި މިއަދު ދީފައިވާ މިހަމަލާގައި މަރުވެފައި ވަނީ އެޓޭންކަރުގައި މަސައްކަތް ކުރާ އިންގިރޭސި ވިލާތުގެ މީހަކާއި ރޮމޭނިއާ މީހެއް ކަމަށް ޒޯޑިއެކް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. އެކުންފުނީގެ ވެބްސައިޓްގައި ބުނެފައި ވަނީ، މިއީ ކަނޑުފޭރުމަށް ދިން ހަމަލާއެއް ކަމަށް ޝައްކު ކުރެވޭ ކަމަށާއި މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. ކަނޑުފޭރުމުގެ އަމަލެއް ކަމަށް ޝައްކު ކުރެވޭކަމަށް ޒޯޑިއެކް ކުންފުނިން ބުނިނަމަވެސް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ)އިން ބުނެފައިވަނީ މިއީ ކަނޑުފޭރުމަށް ދިން ހަމަލާއެއް ކަމަށް ނުދެކޭ ކަމަށެވެ.
ޒޯޑިއެކް އިން އިތުރަށް ބުނެފައިވަނީ، މިހަމަލާގައި އިތުރު ފަޅުވެރިއަކަށް އަނިޔާއެއްވި ކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މައްސަލަ ގާތުން ބަލަމުންދާ ކަމަށެވެ.
ޔޫ.ކޭ.އެމް.ޓީ.އޯ އިން ބުނެފައިވަނީ ޓޭންކަރަށް ހަމަލާ ދީފައި ވަނީ އޮމާންގެ ދޫޤުމް ޕޯޓާއި 152 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި ބޯޓު ދަތުރު ކުރަމުންދިޔައީ ޓެންޒޭނިއާގެ ދާރުއްސަލާމް އިން ޔޫ.އޭ.އީގެ ފުޖައިރާ އަށް ކަމަށް ވެސް އެފަރާތުން ހާމަ ކޮށްފައިވެއެވެ. މިހަމަލާއާއި ބެހޭ އިތުރު ތަފްސީލެއް އެފަރާތުން އާންމު ކޮށްފައި ނުވާއިރު އެސަރަހައްދުގެ ގުޅިފައިވާ ބާރުތަކުގެ އަސްކަރިއްޔާއާއި އޮމާންގެ ކަމާބެހޭ ފަރާތްތަކުން ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
މިހަމަލާއާއި ބެހޭގޮތުން އޮމާންއާއި އިޒްރާއީލްގެ ރަސްމީ ބަހެއް ހާމަކޮށްފައެއް ނުވެއެވެ.