![IMG c7fb7838b6c96496be0fc69b077405ee V](/wp-content/uploads/IMG-c7fb7838b6c96496be0fc69b077405ee-V-780x470.jpg)
ކުރިއަށް އޮތް 3 ދުވަސް ތެރޭގައި އަތޮޅުތަކުގެ އެމްބިއުލަންސް ދަތިކަމަށް ހައްލެއް
ކުރިއަށް އޮތް 3 ދުވަސް ތެރޭ އެމްބިއުލަންސްތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އުފާވެރި ޚަބަރާއެކު، އަތޮޅުތެރޭގައި ދިމާވެފައިވާ އެމްބިއުލެންސްގެ ދަތިކަމަށް އަވަސް ޙައްލެއް ލިބިގެންދާނެ ކަމުގެ އުންމީދު އާވެއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) މެދުވެރިކޮށް، އަތޮޅުތެރޭގައި ބޭނުން ކުރުމަށް ގެނެސްފައިވާ 20 އެމްބިއުލަންސްގެ ފުރަތަމަ ޝިޕްމަންޓް، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު، ކުރިއަށް އޮތް 3 ދުވަސްތެރޭގައި އަތޮޅުތެރެއަށް ފޮނުވަން ފެށޭނެ ކަމަށެވެ.
އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލަންސްތައް ގެނައުމަށް ފިނޭންސް މިނިސްޓްރީއާއި އެސް.ޓީ.އޯއާއެކު ސޮއި ކޮށްފައި ވަނީ މިއަހަރު ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ވެސް ބައިވެރިވެވަޑައިންނެވިއެވެ.
އަތޮޅުތަކުގައި ބޭނުން ކުރުމަށް ގެނައި އެމްބިއުލެންސްތައް މާލެ ގެނެސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މިވަގުތު އަތޮޅުތެރޭގައި އެމްބިއުލެންސްގެ ދަތިކަން އިންތިހާއަށް ފޯރާފައިވާއިރު ދާދި ފަހުން ހދ. މަކުނުދޫގައި ބަރޯއަކަށް ލައިގެން ބަލިމީހަކު ސިއްޙީ މަރުކަޒަށް ގެންދިޔަ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފައެވެ.