ޕާކިސްތާނުގެ ބޮޑުވަޒީރު މަޤާމުން ދުރުކޮށްފި
ޕާކިސްޕާނުގެ ޤާނޫނު ހަދާ މަޖިލީހުން އެޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، އޭނާ މަޤާމުން ދުރުކޮށްފިއެވެ.
ޤާނޫން ހަދާ މަޖިލީހުގައި އިއްޔެ 12 ގަޑިއިރަށް ދެމިގެންދިޔަ ޖަލްސާއަކަށް ފަހު ވޯޓަކާއި ހަމައަށް ގޮސްފައި ވަނީ ރޭގައެވެ. އަދި ރޭގައި ނެގި ވޯޓުން އިމްރާން ޚާން ބަލިވެފައި ވަނީ 174 ވޯޓުންނެވެ. މަޖިލީހުގައި 342 މެމްބަރުން ތިއްބަވާއިރު، އިތުބާރު ނެތްކަމުގެ ވޯޓެއްގެ ސާފު އަޣުލަބިއްޔަތަކީ 172 ވޯޓެވެ.
އިމްރާން ޚާންއާއި ދެކޮޅަށް ވޯޓު ނެގުމުގެ ކުރިން ޕާކިސްތާންގެ ޤާނޫނުނ ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް އަސަދު ޤައިސަރު ވަނީ މަޖިލީހުން އިސްތިޢުފާ ދެއްވަވާފައެވެ. އޭނާއަކީ އިމްރާއަށް ވަފާތެރި، އެޕާޓީގެ މެމްބަރެކެވެ. ޤައިސަރު އިސްތިޢުފާ ދެއްވުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ އިދިކޮޅު ޕާޓީ (ޕާކިސްތާން މުސްލިމް ލީގް) ގެ ބޭފުޅެއް ކަމަށްވާ ސަރްދާރް އަޔާޒް ސާދިގެވެ.
މީގެ އިތުރުން ވޯޓު ކުރިއަށް ދިޔަ ވަގުތު ވެރިކަން ކުރާ ޕާޓީގެ އެންމެހައި މެމްބަރުން ވަނީ އެޖަލްސާ ބޯއިކޮޓް ކޮށް، ޖަލްސާގެ ތަޅުމުން ނިކުމެވަޑައިންފައެވެ. ވޯޓުގައި ބައިވެރި ވެފައި ވަނީ ހަމައެކަނި އިދިކޮޅު މެމްބަރުންނެވެ.
އިމްރާން ޚާނަށް އެސެމްބްލީގެ މެޖޯރިޓީ ގެއްލިފައި ވަނީ އޭނާގެ ތަހްރީކޭ އިންސާފް ޕާޓީއާ އެކު ކޯލިޝަން ހަދައިފައިވާ ބައެއް ކުދި ޕާޓީތަކުން ތާއީދު އަނބުރާ ގެންދިއުމުގެ ސަބަބުންނެވެ.ދިޔުމުންނެވެ.ހ ކޮ ޚާންގެ ޕާޓީއަށް މެޖޯރިޓީ ގެއްލި އިދިކޮޅަށް މެޖޯރިޓީ ލިބުމުން ބޮޑުވަޒީރު ކަމުގެ މަގާމުން އޭނާ ދުރުކުރުމުގެ މަސައްކަތް އިދިކޮޅުން ވަނީ ލަސްތަކެއް ނުވެ ފަށާފައެވެ.
މީގެ ކުރިން އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން އެމައްސަލަ ވަނީ ބޭރުކޮށް، ބޮޑުވަޒީރުގެ އެންގެވުމަށް ޤާނޫނު ހަދާ މަޖިލިސް ވެސް ވަނީ އުވާލާފައެވެ. އެހެންނަމަވެސް އެނިންމުން އިދިކޮޅު ފަރާތްތަކުން އެޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، މައްސަލަ ބޭރުކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، އަދި ޤާނޫން ހަދާ މަޖިލިސް އުވާލަން ނިންމި ނިންމުން ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
ޕާކިސްތާންގެ ސިޔާސީ މައިދާނުގައި މިހާތަނަށް އެއްވެސް ބޮޑުވަޒީރަކު ދައުރު ފުރިހަމަ ވަންދެން ވެރިކަން ކޮށްފައެއް ނުވެއެވެ. އަދި އެޤައުމުގެ ތާރީޚުގައި އިތުބާރު ނެތް ކަމުގެ ވޯޓަކުން ބޮޑުވަޒީރެއް މަޤާމުން ދުރުކުރި މިއީ ފުރަތަމަ ފަހަރެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫން ހަދާ މަޖިލީހަށް ވައްދާފައި ވަނީ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފެވެ.