އިޒްރާއީލް ސިފައިން އަނެއްކާވެސް މަސްޖިދް އަލްއަޤްސާއަށް ގަދަކަމުން ވަދެއްޖެ
މަސްޖިދް އަލް އަޤްސާއަށް އިޒްރާއީލްގެ ހަތިޔާރުއެޅި ސިފައިން އަނެއްކާވެސް ގަދަކަމުން ވަދެއްޖެއެވެ. އަޤްސާއަށް އިޒްރާއީލް ސިފައިން މި ރަމަޟާން މަހު އެންމެ ފުރަތަމަ ވަދެ ފަލަސްތީންގެ މުސްލިމުންނަށް ޙަމަލާދީ ހަމަނުޖެހުން ހިންގާފައި ވަނީ ފާއިތުވި ހުކުރު ދުވަހު ހުކުރު ނަމާދަށް މުސްލިމުން އެއްވެ ތިބި ވަގުތުއެވެ. އެދުވަހުގެ މުސްލިމުންނަށް ދިން ޙަމަލާ ތަކުގައި ފަލަސްތީންގެ 152 މީހުން ވަނީ ޒަޚަމް ކޮށްލާފައެވެ.
މިއަދު އިޒްރާއީލުން އަނެއްކާވެސް އަޤްސާއަށް ގަދަކަމުން ވަދެ ހަމަނުޖެހުން ހިންގާފައި ވަނީ ފަތިސްނަމާދަށް މުސްލިމުން އަޤްސާއަށް އެއްވި ވަގުތުގައެވެ. މިއަދު އަޤްސާއަށް ވަދެ ހިންގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. އިޒްރާއީލުން ބުނެފައި ވަނީ، މިއަދު އަޤްސާއަށް އެމީހުން ވަދެފައި ވަނީ ނަސާރާއިން އެމިސްކިތައް އަޅުކަން ކުރުމަށް އެއްވާ އެއްވުމަކަށް މަގުފަހި ކުރުމުގެ ގޮތުން އެސަރަހައްދު ހުސްކޮށް އަމާންކުރުމަށް ކަމަށެވެ. އެހެންނަމަވެސް ފަލަސްތީނުގެ ޒުވާނުން ވަނީ ސިފައިން އެތަނަށް ވަނަނުދިނުމަށް ގައު އަތުރައިގެން އެސަރަހައްދު ބެއްދުމަށް މަސައްކަތް ކޮށްފައި ކަމަށެވެ.
އިޒްރާއީލްގެ ހައްދުފަހަނައެޅި ސިފައިން ވަނީ މިސްކިތައް އަޅުކަމަށް އެއްވެ ތިބި އެތައް މުސްލިމުންނެއް އެތަނުން ފަހާ ބޭރުކޮށްފައެވެ. އެހެންނަމަވެސް މަދު ބަޔަކު އެސަރަހައްދު ދޫކޮށް ދިއުމަށް އިންކާރުކޮށް، މިސްކިތް ތެރޭގައި ތިބިކަމަށް ސިފައިން ބުނެފައިވެއެވެ.
އިޒްރާއީލު ސިފައިން މިސްކިތް ހުސްކުރުމަށް ދިން ޙަމަލާ ތަކުގައި ފަލަސްތީނުގެ 17 މީހަކު ޒަޚަމްވެދައިވާ ކަމަށް ސިއްޙީ ޙިދުމަތްތެރިން ވަނީ ބުނެފައެވެ. މުގުރުބުރިން ތެޅުމުންނާއި ރަބަރު އުންޑައިން ޙަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ކުރުމަށް 3 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފަލަސްތީންގެ ރެޑް ކްރޮސްއިން ބުނެފައިވެއެވެ. މީގެއިތުރުން ހަމަލާތަކުގައި ޒަޚަމްވި މީހުންނަށް ފަރުވާ ކުރުމަށް މިސްކިތްތެރެއަށް ވަނުމަށް އިޒްރާއީލުން ހުރަސްއަޅާފައިވާ ކަމަށާއި، އެހެންނަމަވެސް މިސްކިތުގެ ދޮރުކޮޅެއް ކަމުގައިވާ ބާބް އަލްއަސްބާތު ކައިރިން ޒަޚަމްވި މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.
އިޒްރާއީލް ސިފައިން އަޤްސާ މިސްކިތައްވަދެ ޙަމަލާ ދިނުމުން ފަލަސްތީން ޒުވާނުންތަކެއް ވަނީ އިޒްރާއީލްގެ ނަސާރާއިންތަކެއް މިސްކިތައް އަޅުކަމަށް ގެނައުމަށް ދަތުރުކުރި 2 ބަހަކަށް ހުރަސްއަޅައި، ބަހުގެ ކުޑަދޮރު ތަކުގެ ބިއްލޫރިތައް ތަޅާލައި ބަހަށް ހަމަލާދީފައެވެ. މިހަމަލާގެ ސަބަބުން ބަހުން ދަތުރުކުރި ބައެއް މީހުންނަށް ކުދި ޒަޚަމް ލިބިފައިވާ ކަމަށާއި، ހަމަލާގައި ބައިވެރިވި 9 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އިޒްރާއީލުން ވަނީ ބުނެފައެވެ.
މަސްޖިދް އަލްއަޤްސާ އަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތެވެ. އަދި އެއީ ނަސާރާއިން ޤަބޫލުކުރާ ގޮތުގައި އެމީހުންގެ ވެސް އެންމެ މާތް ބިމެވެ. އެހެންކަމުން ކަނާތު ފިޔައިގެ ހަރުކަށި ނަސާރާއިން އަޤްސާއަށް އެމީހުންގެ އަޅުކަމަށް އައިސް މިސްކިތް ތެރޭގައި ބަކައްޓެއް ކަތިލައި އަދި އަޅުކަމަށް އަޤްސާއަށް ވަންނަ ކޮންމެ މީހަކަށް ފައިސާގެ އިނާމު ހުށަހަޅައި، އިޒްރާއީލް ހަރުކަށި ސިފައިންގެ އެހީއާއެކު މުސްލިމުންނަށް ދުއްތުރާކުރުން އާންމު ކަމަކަށް ވަނީ ހަދާފައެވެ.