ސޫރަތުލް މުޠައްފިފީން 4

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 9 ނޮވެންބަރު 2016 އާގުޅޭ

(وَمِزَاجُهُ مِن تَسْنِيمٍ ﴿٢٧﴾  )

(وَمِزَاجُهُ  ) ހެޔޮޢަމަލު ކުރާ މީހުންނަށް ބޯންދެވޭ ބުއިމުގައި އެއްކުރެވިފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

(مِن تَسْنِيمٍ ) ތަސްނީމަކީ ސުވަރުގޭގެ ފެންއާރަކަށް ކިޔޭ ނަމެކެވެ. އީމާންވެ ހެޔޮޢަމަލު ކުރި މީހުންނަށް ބޯންދޭވޭ ބުއިމުގައި ތަސްނީމުގެ ފެންވަނީ އެއްކުރެވިފައެވެ.

(عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ﴿٢٨﴾  ) ތަސްނީމަކީ ﷲ އާއި ގާތްކުރެވިގެންވާ ސުވަރުގޭގެ އަހްލުވެރިން ބުއިމަށް ޚާއްޞަކުރެވިފައިވާ ފެން އާރެކެވެ. އެފެންއާރު ހުންނާނީވެސް ސުވަރުގޭގައެވެ.

(إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ ﴿٢٩﴾  )

(أَجْرَمُوا  ) ބޮޑެތިފާފަތައް ކުރުން މަތީގައި ދެމިތިބި މީހުން،

(كَانُوا ) ދުނިޔެމަތީގައި އެބައިމީހުން ވިޔޭ

(مِنَ الَّذِينَ آمَنُوا يَضْحَكُونَ  ) މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ގޮތުން މުއިމިނުންނާއި ދިމާލަށް ހީހަދައެވެ.

(وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ ﴿٣٠﴾  )

(وَإِذَا مَرُّوا بِهِمْ ) މުއިމިނުން މުޖްރިމުންގެ ކައިރިން ހުރަސްކޮށްފިނަމަ، ނުވަތަ މުޖްރިމުން މުއިމިނުންގެ ކައިރިން ހުރަސްކޮށްފިނަމަ،

(يَتَغَامَزُونَ  ) އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް މުއިމިނުންނަށް މަލާމާތް ކުރުމުގެ ގޮތުން ލޮލުން އިޝާރާތް ކޮށްހަދައެވެ.

(وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ ﴿٣١﴾  )

(وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ  ) އެމުޖްރިމުން އެބައިމީހުންގެ އަހްލުންގެ ގާތަށް އެނބުރި ދާ ހިނދުގައި،

(انقَلَبُوا فَكِهِينَ  ) މުއިމިނުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރެވުނު ކަމަށް ޓަކައި އުފަލުން ތިބޭ ޙާލުގައި އެބައިމީހުން އެނބުރި ދެއެވެ. އެބައިމީހުން ހީކުރާ ގޮތުގައި އެބައިމީހުންނަށް ކާމިޔާބު ލިބިއްޖެއެވެ. އަދި މުއިމިނުންގެ މައްޗަށް ގަދަކަމާއި ކާމިޔާބު ލިބިއްޖެ އެވެ.

(وَإِذَا رَأَوْهُمْ قَالُوا إِنَّ هَـٰؤُلَاءِ لَضَالُّونَ ﴿٣٢﴾  )

(وَإِذَا رَأَوْهُمْ ) މުޖްރިމުންނަށް މުއިމިނުން ފެންނަ ހިނދުގައި،

(قَالُوا إِنَّ هَـٰؤُلَاءِ لَضَالُّونَ ) މުއިމިނުންނަށް އިޝާރާތްކޮށް މުޖްރިމުން ބުނެއެވެ. މިބައިމީހުންނަކީ ޒަމާނާއި ނުގުޅޭ އިސްލާމީ ހަރުކަށި  ބޯދާ އުޞޫލުތައް އިޚްތިޔާރު ކުރުމުގެ ސަބަބުން، މަގުފުރެދި ހަލާކުވެފައިވާ ބަޔެކެވެ.  މިޒަމާނުގައިވެސް މިފަދަ މީހުން އުޅެއެވެ. ﷲ އެންގެވި ގޮތުގައި ސީދާވެގެން ހުންނަ މީހުންނާއި ދިމާލަށް ހަރުކަށި ބޯދާ ފިކުރުގެ މީހެކޭ ބުނާމީހުން މަދެއް ނޫނެވެ.

(وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ ﴿٣٣﴾  ) މުއިމިނުންގެ ޢަމަލުތައް ބަލައި ޙިސާބުކޮށް ޙުކުމް ޖަހާ ބަޔަކު ކަމުގައި ތިމަން ﷲ މި މުޖްރިމުން ދުނިޔެއަކަށް ނުފޮނުއްވަމެވެ. އަދިކިއެއްތަ، ޙުކުމް ކުރައްވާ ފަރާތަކީ ﷲ އެވެ.

(فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ ﴿٣٤﴾  )

(فَالْيَوْمَ  ) އެބަހީ ކިޔާމަތް ދުވަހު،

އެހެނީ ގިޔާމަތް ދުވަހުގައި މުއިމިންތަކުން މުޖްރިމުންގެ މައްޗަށް ހީހަދާނެއެވެ.

(عَلَى الْأَرَائِكِ يَنظُرُونَ ﴿٣٥﴾ ) މުއިމިންތަކުން ގިޔާމަތް ދުވަހުގައި މަތިވެރި އެނދުތައް މަތީގައި ތިބޭނެއެވެ. އެބައިމީހުންނަށް ޓަކައި ﷲ ތައްޔާރުކޮށްދެއްވާފައިވާ މަތިވެރި ނިޢްމަތްތައް ދެކުންމަތީގައެވެ. އަދި ދުނިޔެމަތީގައި އެބައިމީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް އުޅުނު މުޖްރިމުންނަށް ލިބެމުންދާ ވޭނާއި ޢަޛާބު ދެކުމުގައެވެ. މިވާހަކަތައް ބަޔާން ކުރައްވާ ސޫރަތުއް ޞާއްފާތުގެ 51 އިން 60 އަށް ވަޙީ ވަޚީ ކުރައްވާފައިވެއެވެ. (قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ ﴿٥١﴾ يَقُولُ أَإِنَّكَ لَمِنَ الْمُصَدِّقِينَ ﴿٥٢﴾ أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ ﴿٥٣﴾ قَالَ هَلْ أَنتُم مُّطَّلِعُونَ ﴿٥٤﴾ فَاطَّلَعَ فَرَآهُ فِي سَوَاءِ الْجَحِيمِ ﴿٥٥﴾ قَالَ تَاللَّـهِ إِن كِدتَّ لَتُرْدِينِ ﴿٥٦﴾ وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ ﴿٥٧﴾ أَفَمَا نَحْنُ بِمَيِّتِينَ ﴿٥٨﴾ إِلَّا مَوْتَتَنَا الْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ ﴿٥٩﴾ إِنَّ هَـٰذَا لَهُوَ الْفَوْزُ الْعَظِيمُ ﴿٦٠﴾  ) މާނައަކީ: “ އެއުރެންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނާއަށް އެކުވެރިޔަކު ވިއެވެ. އެ އެކުވެރިޔާ ބުނެއުޅެތެވެ. ހަމަކަށަވަރުން، ތިބާވަނީ ތެދުކުރާ މީހުންގެ ތެރެއިންހެއްޔެވެ؟  ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކުހެއްޔެވެ؟ އޭނާ ބުނާނެތެވެ. ތިޔަބައިމީހުން ބަލަން ބޭނުންހެއްޔެވެ؟ ދެން އޭނާ ބަލައިލިއެވެ. ފަހެ، ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާޔަށް ފެނުނެވެ. އޭނާ ބުނާނެތެވެ. اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ކަލޭ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމުއެވެ. އަދި ތިމަންގެ ވެރިރަސްކަލާނގެ نعمة ދެއްވާފައިނުވާނަމަ، (عذاب ގެ ތެރެޔަށް) حاضر ކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ. އަދި ތިމަންގެ ވެރިރަސްކަލާނގެ نعمة ދެއްވާފައިނުވާނަމަ، (عذاب ގެ ތެރެޔަށް) حاضر ކުރައްވާފައިވާ މީހުންގެތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ. ފަހެ، ފުރަތަމަ ފަހަރު މަރުވުންމެނުވީ، މަރުނުވެ ދެމިތިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟ އަދި عذاب ލިބޭނޭ ބަޔަކުކަމުގައި އަހަރެމެން ނުވަމުއެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކީ މިއީކަން ކަށަވަރެވެ. “

(هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ ﴿٣٦﴾   ) ކާފިރުވީ މީހުން މުއިމިނުންނަށް ކުރަމުން ގެންދިޔަ ގޯނާތަކުގެ ޙައްގު އަދަބު އެބައިމީހުންނަށް ލިބިއްޖެހެއްޔެވެ؟

މިތަނުގައި (هَلْ ) ނުވަތަ ”ހެއްޔެވެ؟“ ބޭނުން ކުރައްވާ ސުވާލު ކުރައްވާފައިވަނީ އެބައިމީހުން އެއްބަސް ކުރުވުމަށެވެ. އެބައިމީހުންނަށް ގިޔާމަތް ދުވަހުގައި ނަރަކައިގެ ތެރޭގައި ލިބޭ ޢަޛާބަކީ އެބައިމީހުން މުއިމިނުންގެ މައްޗަށް ކުޅަ ގޯނާ އާއި ދުއްތުރާތަކުގެ ޙައްގު އަދަބުކަން އެބައިމީހުން އަމިއްލަ އަށް ގަބޫލު ކުރުވުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެންގެ މައްޗަށްވެސް ޙުކުމް ކުރައްވަނީ އެކަލާންގެ ޢަދްލުވެރި ކަމުގެ މަތިންނެވެ. މުއިމިންތަކުންނަށް އެކަލާންގެ ޢަދްލުވެރި ކަމާއި ފަޟްލުވަންތަކަމާއި އެކުގައެވެ. އަދި ކާފިރުންނަށް އެކަލާންގެ ޢަދްލުވެރި ކަމުގެ މަތިންނެވެ.

މިހާ ހިސާބުން ސޫރަތުލް މުޠައްފިފީންގެ ތަފްސީރުގައި ލިޔުމަށް ގަޞްދުކުޅަ ހިސާބު ލިޔެ ނިމުނީއެވެ. މިކަމުގެ ހެޔޮ ތައުފީގު ދެއްވިކަން މައްޗަށް ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި ދުޢާ އަކީ މި ލިޔުން ކިޔައި ގިނަ ބަޔަކަށް ފައިދާ ކުރުމެވެ. އާމީން.

ނިމުނި .

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.