![hrcm p96seshvwgpe7x1w12gxphuj25g6uh5iuagps12u8k qdk035s4x0jkxx84wofn222fxe74yd5cqfg555yefo jpg](/wp-content/uploads/2023/10/hrcm-p96seshvwgpe7x1w12gxphuj25g6uh5iuagps12u8k-qdk035s4x0jkxx84wofn222fxe74yd5cqfg555yefo-jpg.webp)
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފާ ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 އޮކްޓޫބަރު 15 އަދި 16 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު ފަހު 12:30 އަށް، އެ އޮފީހުން ކަމަށެވެ.
އެގޮތުން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓު މެދުވެރިކޮށް ޑައުންލޯޑު ކުރެއްވޭނެއެވެ.
މި ވަގުތު އެކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ ރައީސް މަރިޔަމް މުނާ، މެންބަރު މުއުމިނާ ވަހީދު، މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި މެންބަރު ސަމާއު އަހުމަދު ނަޖީބެވެ.
މެންބަރު މުއުމިނާއާއި ޝިފާއަތު އެ ކޮމިޝަނަށް އައްޔަން ކުރީ 2020، ސެޕްޓެމްބަރު އަށެއްގައެވެ. އަދި، ރައީސް މުނާ އައްޔަން ކުރީ އެ އަހަރު ނޮވެމްބަރު 30 ގައެވެ. މެންބަރު ސަމާއު އެ ކޮމިޝަނަށް އައްޔަން ކުރީ 2021، އޮކްޓޯބަރު ތިނެއްގައެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މެންބަރުކަމުން ވަކިކުރާ މީހުން ފިޔަވާ އެހެން މެންބަރުންނަށް ފަސް އަހަރުގެ އިތުރު ދައުރެއް ވެސް އަދާ ކުރެވޭނެއެވެ.