ފަލަސްތީނަށް އޮތް ލޯބި ހާމަކުރަން މާދަމާ އެއްވުމެއް ބާއްވަނީ
ދިވެހީންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބި ހާމަކުރުމަށްޓަކާ ”ދިވެހީންގެ ބޮޑު އެއްވުން،“ މި ނަމުގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިސްރާ އެއޯސިއޭޝަނުން ފަށާފައިވާ ގައުމީ ކެމްޕެއިންގެ ދަށުން ބާއްވާ މި އެއްވުން ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗުގައެވެ.
މި އެއްވުން ބާއްވަނީ ގިނަ މަދަނީ ޖަމިއްޔާތަކެއްގެ އެހީތެރިކަމާ ވެސް އެކުގައެވެ. އެގޮތުން މަހަލްދީބް ފައުންޑޭޝަން، ޖަމިއްޔަތުލް އަޚަވާތް، މޯލްޑިވްސް ތުރުކިޔޭ ފައުންޑޭޝަން، މާސީ، ހެޔޮ ބިންގާ ފަދަ ޖަމިއްޔާތައް ހިމެނެއެވެ.
މި އެއްވުމާ ގުޅިގެން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީ މިއަދު ވިދާޅުވީ، މި ވަގުތަކީ މީ އިސްލާމީ އުންމަތެއްގެ ގޮތުގައި ތެދުވަންވީ ވަގުތު ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެންމެހާ ޖަމިއްޔާތަކާ، ސިޔާސީ ޕާޓީތަކާ، ކުދިބޮޑު އެންމެހާ މީހުން މި އެއްވުމުގައި ބައިވެރި ވުމަށް އޭނާ ވަނީ ގޮވާލައިފައެވެ.