ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ
ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން 4 މީހަކު ވަނީ ޒަހަމްވެފައެވެ. މިހާރު އަންނަނީ އެމީހުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރަސްއެވެ. އެއީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާގައި އިތުރު ދެ ފިރިހުންނަށާއި އަންހެނަކަށް އަނިޔާވެފައިވާކަމަށްވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހާދިސާގައި ގޮވީ އެއާޕޯޓުގެ ފަޔާ ޑިޕާޓުމެންޓުން ތަމްރީނުތަކަށް ބޭނުންކުރާ ސިލިންޑާއެއް ރީފިލްކުރުމުގެ ތެރޭގައި އެ ސިލިންޑަރު ކަމަށެވެ. އަދި މިހާރު ހާދިސާ ހިނގި ތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަކީވެސް ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔާ ޑިޕާޓުމެންޓުގައި މަސައްކަތްކުރާ އެތަނުގެ 4 މުވައްޒަފުންނެވެ.