މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެ
ހދ.މަކުނުދޫ ގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަކުނުދޫ ގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގައި ދެމީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ ދެ ބިދޭސީންނެވެ.
ފުލުހުން ބުނީ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ ހަވީރު 4:15 ކަންހާއިރު އެ ރަށު ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓް ސަރަހައްދުގައި ކަމަށާއި ގޮވި އަޑު ވަރަށް ދުރަށް އަދި ވަރަށް ބާރަށް އިވުނު ކަމަށެވެ. އަދި ގޮވި ސަރަހައްދުގެ އެކި ދިމާލުގައި ކުދިކުދި ވެފައިވާ އިންސާނެއްގެ ބައިތައް ފެންނަން އެބަހުރި ކަމަށްވެސް ބުންޏެވެ.