![galan 3](/wp-content/uploads/2023/10/galan-3-1200x1008.webp)
ނ. އަތޮޅު މަދަރުސާގައި މަޖައްލާއެއް ނެރުނުތާ އެތައް އަހަރެން ފަހުން ސްކޫލު މީޑިއާ ކްލަބުގެ ’ގަލަން‘ މަޖައްލާ ނެރެން ފަށައިފި!
މިއީ މަހަކު 1 ފަހަރު ނެރޭ ގޮތަށް ދަރިވަރުންގެ މަސައްކަތުން ނެރޭ މަޖައްލާއެއް
’ގަލަން‘ މިނަމުގައި ނ. އަތޮޅު މަދަރުސާގެ މީޑިއާ ކްލަބުގެ ފަރާތުން މަޖައްލާއެއް ނެރެން ފަށައިފި އެވެ. މިގޮތުން މި މަޖައްލާ އިފްތިތާޙުކޮށް ފުރަތަމަ ޢަދަދު ނެރެފައި ވަނީ އިއްޔެ (23 އޮކްޓޯބަރ 2023ވީ ހޯމަ ދުވަހު) އެމަދަރުސާގައި ބޭއްވި ސްކޫލް އެސެމްބްލީގައެވެ. މިއެސެމްބްލީގައި މަޖައްލާ ނެރެދެއްވީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ޢީސާއެވެ. މީޑިއާ ކްލަބުގެ ފަރާތުން ޕްރިންސިޕަލަށް މަޖައްލާ އެރުވީ، 10އޭ ގެ ދަރިވަރު ޙުސެއިން އިޔާދު ނޫޙު އެވެ.
![galan 5 jpg](http://atollnews.com/wp-content/uploads/2023/10/galan-5-jpg.webp)
ގަލަން މަޖައްލާގެ އެޑިޓޯރިއަލް އިން ހާމަކޮށްފައިވާ ގޮތުގައި މި މަޖައްލާ އަކީ، މަހަކު 1 ފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ. އަދި މަޖައްލާ ނެރުމާއިއެކު ސުކޫލުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ޝާއިޢު ކުރުމުގެ އިތުރުން ޕްރިންްޓް ކޮށް ސްކޫލުގައި ކޮޕީއެއް ބޭއްވޭނެއެވެ. އަދި ދަރިވަރުންނަށް ކިޔޭނޭހެން މިމަޖައްލާގެ ޕްރިންޓް ކޮށްފައިވާ ކޮޕީއެއް ސްކޫލުގައި އޮންނާނެ ކަމުގައިވެސް މަޢުލޫމާތު ލިބެއެވެ.
![May be an image of 14 people and text](http://scontent.fmle1-2.fna.fbcdn.net/v/t39.30808-6/395427804_827907342668583_7658992036922311163_n.jpg?_nc_cat=102&ccb=1-7&_nc_sid=5f2048&_nc_ohc=tLt43mlIMzkAX9vdmDI&_nc_ht=scontent.fmle1-2.fna&oh=00_AfA_uZItakBDkDPnhx7BkcDZ4xMU3YPcCViuA3tTsdXpdw&oe=653C5ADB)
މީގެ އިތުރުން މަޖައްލާގެ އެޑިޓޯރިއަލްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިމަޖައްލާ ނެރުމުގެ މައިގަނޑު މަޤްޞަދަކީ، ޚާއްޞަކޮށް ނ.އަތޮޅު މަދަރުސާއާއި ނ. މަނަދޫއާއި ގުޅުން ހުރި ޚަބަރުތަކާއި މަޢުލޫމާތުތައް ގެނެސްދިނުމާއި، މަދަރުސާގެ ދަރިވަރުންގެ ހިތްތަކުގައި، ލިޔެ، ކިއުމުގެ ޝައުޤުވެރިކަން އިތުރުކުރުމާއި، މަޢުލޫމާތާއި ބަސްކޮށާރު މުއްސަނދި، ބަވަނަވެފައިވާ ދުނިޔެއަށް ލޯ ހުޅުވިފައިވާ، ހުނަރުވެރި، ޤާބިލް ޖީލެއް ބިނާ ކުރުމެވެ. ހަމައެހެންމެ ތަރައްޤީގެ ވަޞީލަތްތައް ބޭނުންކޮށްގެން ފައިދާހުރި ގޮތެއްގައި ވަގުތު ހޭދަކުރުމަށް މަގުފަހިކޮށްދިނުމާ އެކުވެރި މާޙައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އުފެއްދުމެވެ.
![galan 2](http://atollnews.com/wp-content/uploads/2023/10/galan-2-225x300.webp)
ނ. އަތޮޅު މަދަރުސާގެ ހިންގުން އެރަށު މަޝްހޫރު ޢަބްދުލް ޢަޒީޒު ޤާސިމް (މަނަދޫ ޢަޒީ)، އޭރުގެ ދަރިވަރުންގެ މެދުގައި މަޝްހޫރު ނަމުންނަމް ނާޒިރު ތުއްތުބެއާއި 1982 ވަނަ އަހަރު ޙަވާލު ކުރެވުމުން އެސުކޫލުގެ ރަން ޒަމާން އައިސްފައި ވެއެވެ. އެގޮތުން ސްކޫލުގައި، ހަތަރު ބައިގެ މެދުމުގައި ވާދައަށް ދަނޑުވެރިކަން ކުރަމުންދިޔަ އިރު އަދަބީ ފޯރި ވެސް އޮތީ ވައިގައި ހިފައިފައެވެ. ބައިތުބާޒީއާއި ވާހަކަދެއްކުމާއި ބަހުސްކުރުމާއި ރައިވަރު މުބާރާތްތަކާއި، ޅެންވެރިކަމުގެ ހަވީރުކުރުންތަކާއި، ވާހަކަ ލިޔުމާއި ވާހަކަ ކިޔުމުގެ މުބާރާތްތައްވެސް އޭރު އެސުކޫލުގައި ވަރަށް ފޯރީގައި އޮންނަ ކަމުގައި ވެއެވެ. މީގެ އިތުރުން ސްޓޭޖު ޑްރާމާތަކާއި ސަގާފީ މަގުމަތީ ޕެރޭޑްތަކާއި، ބޮޑުއަކުރު އަޅަން ދަސްކޮށްދިނުންވެސް އޮވެއެވެ. އަދި ހަމަ މިފޯރީގެ ތެރޭގައި ފާރު ނޫސް ނެރެން ފަށާފައި ވެއެވެ. އޭރު ކޮންމެ ކްލާހަކުން ފާރުނޫހެއް ނެރޭކަމުގައި ވެއެވެ. އޭރު ދަރިވަރުން މިކަން ކުރަމުން އައިސްފައިވަނީ އަތުން ލިޔެގެންނެވެ.
![galan 4 jpg e1698108590350](http://atollnews.com/wp-content/uploads/2023/10/galan-4-jpg-e1698108590350-300x263.webp)
މިގޮތުން ނޫސްވެރިކަމުގެ އިތުރު ކުރިތައް ފަޅައި ”އަދަބީ ނަމޫނާ“ ގެ ނަމުގައި، އަތުން ލިޔެގެން އެސުކޫލުގައި މަޖައްލާއެއް ޝާއިއު ކުރިއެވެ. ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ރަށުގެ ތަޢުލީމީ ބައެއް ބޭފުޅުން ލިޔުއްވި އެ މަޖައްލާ ނެރުމުގެ މަސައްކަތުގެ ތެރެއިން ހަފްތާ ނޫހެއްވެސް ނެރެން ފެށިއެވެ. އެއީ ”ހަފުތާ ޚަބަރު“ ކިޔާ ނޫހެކެވެ. އެނޫސް ނެރެފައި ވަނީ ރަޖިސްޓްރީ ކޮށްގެންނެވެ. އޭރު ސްކޫލުގައި ބޮޑަށް ތިބި ދަރިވަރުން ބައިބަޔަށް ބަހާލައިގެން، ކޮންމެ ހަފުތާއަކު ހަފުތާ ޚަބަރުގެ 50 ކޮޕީ އަތުން ލިޔެގެން ނެރެފައި ވެއެވެ.
![naaziru thuththu manadhoo azee](http://atollnews.com/wp-content/uploads/2023/10/naaziru-thuththu-manadhoo-azee-217x300.webp)
އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިރު ޙުސައިން މަނަދޫއަށް ކުރެއްވި ދަތުރުފުޅެއްގައި މިނޫހުގެ މަސައްކަތް ފެނިވަޑައިގެން، ޗާޕު މެޝިނެއް ދެއްވަން ނިންމެވިއެވެ. އެގޮތުން ފުރަތަމަ ދެއްވީ އީޑީސީގައި ބޭނުންކޮށްފައިހުރި އަތުން އަނބުރާ މެޝިނެއް ކަމުގައި ވެއެވެ. އަދި ފަހުން އެކަން އިތުރަށް ތަރައްޤީކޮށް ދެއްވިކަމަށްވެސް މަޢުލޫމާތުތައް ބުނެއެވެ. ނ. އަތޮޅު މަދަރުސާއަށް ޗާޕު މެޝިނެއް ލިބުނުއިރު ނ. އަތޮޅު އޮފީހުގައި ވެސް ޗާޕުކުރެވޭކަށް ނުހުރެއެވެ. އަތޮޅުގެ އެހެން ސްކޫލެއްގައި ވެސް އެ ޚިދުމަތެއް އޭރު ނުހުރެއެވެ. ޗާޕު މެޝިން ލިބުމާއެކު ހަފުތާ ޚަބަރު ޗާޕުކޮށްގެން ނެރެން ފެށިއެވެ. އެންމެ ފަހުން މިނޫސް ވެގެން ގޮސްފައިވަނީ، އިސްތިރާކު ދައްކައިގެން ނޫސް ގަވާއިދުން ކިޔަން ބޭނުންވާ ފަރާތްތަކުން މާލެއާއި އަތޮޅު ތެރޭންވެސް މިނޫސް ކިޔަމުން ގެންދިޔަ ނޫހަކަށެވެ. ޤައުމީ ކުތުބުޚާނާއަށާއި ސަރުކާރުގެ ބައެއް ވުޒާރާތަކަށާއި އޮފީސްތަކަށް އޭރު އެ ނޫސް ފޮނުވަންޖެހޭ ކަމުގައި ވެއެވެ. މިހާރު ވެސް ޤައުމީ ކުތުބުޚާނާގައި ބައެއް ހަފުތާ ޚަބަރުތައް ފެންނާން އެބަހުއްޓެވެ. އެއީ ރަޖިސްޓްރީކޮށްގެން އިސްކޫލަކުން އެންމެ ފުރަތަމަ ނެރުނު ނޫހެވެ. އެންމެ ފަހުން އެނޫސް ވެގެން ދިޔައީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުން އެއްވަނަ ވެސް ހާސިލުކުރި ނޫހަކަށެވެ.
![Galan 1](http://atollnews.com/wp-content/uploads/2023/10/Galan-1.jpg)
މިފޮނި ތާރީޚު ވަޅުޖެހިތާ އެތައް އަހަރެއް ފަހުން، ނޫސްވެރިކަމުގެ ތާރީޚު ނ.އަތޮޅު މަދަރުސާއިން އަލުން މިވަނީ އިޔާދަކުރަން ފަށާފައެވެ. ނޫސްވެރިކަމުގެ އެންމެ ޒަމާނީ ގޮތް ކަމުގައިވާ، އޮންލައިން ނޫސް ނުވަތަ މަޖައްލާއެއްގެ ގޮތުގައި ނޫންނަމަ ވެސް، ގަލަން މަޖައްލާ އަކީ އޮންލައިންކޮށްވެސް ސްކޫލު ޕޭޖު މެދުވެރިކޮށް ކިޔާލެވޭނެ މަޖައްލާއެއްގެ ގޮތުގައި މިވަނީ ނެރެން ފަށާފައެވެ. އަދި މިއީ ދަރިވަރުންނާއި ސުކޫލަށް އިތުރު ކުރިއެރުން އަންނާނެ ކަމެއް ކަމުގައި ބެލެވެއެވެ.
ހިތަށްް އަރަނީީ ބަޔަކުު އަތުންް ލިޔެގެންް ނޫސްް ނެރެެ އެހާާ މުހިއްމުު ބޮޑުު މަސައްކަތެއްް ކުރިި އިރުު، އެކަންް ކަފުންްވެެ ގޮސްފައިވަނީީ ކޮންް ބައެއްގެެ އިހުމާލުންތޯ؟ މިކަންް ދިރާސާކޮށްް ބަލަންް އެބަަ ޖެހޭޭ ތާރީޚަށްްޓަކައިވެސްް.