ރިޓަޔާނުކޮށް 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭ ގޮތް ހަދަނީ
އިސްރަށްވެހީންގެ ތަޖުރިބާއާއި ވިސްނުން ރާއްޖެއަށް ބޭނުންވާ ކަމަށާއި، 65 އަހަރު ވުމުން ރިޓަޔާކުރަން ބޭނުންނުވާ މީހުންނަށް، 75 އަހަރާ ހަމައަށް ހިދުމަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ހިދުމަތުގައި މެދުކެނޑުމެއްނެތި ދިގު ޒަމާނެއް ހޭދަކުރުމަށްފަހު، އުމުރުން 65 އަހަރުވާއިރަށް، ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔާވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ހާލަތެއް ކަމަށެވެ.
”އުމުރުން 65 އަހަރުވީ ނަމަވެސް ހިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށް ވެސް އެގްރީމެންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ، އުމުރުން 75 އަހަރާ ހަމަޔަށް ހިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން،“ އެ މަނިކުފާނު ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިއަހަރު އިސްރަށްވެހީންގެ ހާއްސަ ދަފްތަރެއް އެކުލަވާލައި، އަދި އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެ އާއި އަތޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ.
އޭގެ ފުރަތަމަ މަރުކަޒު މާލޭގައި މި މަހުގެ ތެރޭގައި ހުޅުވާއިރު، އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރުމަށް ވެސް ކަނޑައެޅިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިސްރަށްވެހީންގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ދައުރުގައި ހާއްސަ އިސްކަމެއް ދޭނެ އެވެ.
”ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމައެއް، މާހައުލެއް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އުފެއްދޭނެ،“ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެ މަނިކުފާނު ވިދާޅުވީ އެކަމުގެ ގަވާއިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްވަނީ ފެށިފައިވާ ކަމަށެވެ.
”އަދި އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިން ޔުނިޓް ހިމެނުމަށް ވަނީ ނިންމާފައި.“