ޖުލައިގެ ކުރިން ރ. އާއި ބ. އަށް އާރްޓީއެލް
މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ރ. އަދި ބ. އަތޮޅުގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އުނގޫފާރު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާނެ ކަމަށެވެ.
”އަޅުގަނޑު ކަނޑައަޅާފަ އޮންނާނެ މިއަހަރު ނިމުމުގެ ކުރިން މިގޮތަށް ޚިދުމަތް ނުދެވި ހުރި ހުރިހާ އަތޮޅެއް އިރާދަކުރެއްވިއްޔާ އާރުޓީއެލްގެ ޚިދުމަތް އަޅުގަނޑުމެން ފަށާނަމޭ. އެގޮތުން އެންމެ އަވަހަށް މި ޚިދުމަތް ގާއިމް ވެގެންދާނެ އަތޮޅަކީ މިއަތޮޅުކަން އަޅުގަނޑު ދަންނަވާލަން. މިއަތޮޅުގަ ޖޫން މަހުގައި. ބ. އަތޮޅުގަ ޖުލައި މަހުގައި،“ ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އުނގޫފާރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ހިއްސާކުރެއްވި އެވެ. އެގޮތުން މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްޤީގެ މާސްޓާ ޕްލޭންގެ މަސައްކަތްތައް ކުރެވެމުން ދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް އުނގޫފާރު ވެގެންދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މޫސުމީ ގޮތުން ފުރުޞަތު ފަހިވުމާއެކު އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް، ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ރައީސް ދެއްވި އެވެ. އަދި މި ވެރިކަމުގެ މި ދައުރުގައި، އުނގޫފާރުގައި 500 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން އުނގޫފާރުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށާއި އާބަން ސެންޓަރެއްގެ ފެންވަރުގައި ރަށް ތަރައްޤީވެގެން އަންނައިރު، އެއް ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތަށް ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ތިން އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން އުނގޫފާރުގެ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.