
ރޯދަމަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން: ސައީދު
ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގައި ތަކެތީގެ އަގުބޮޑުވިޔަ ނުދީ ހިފަހައްޓާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”އަހާ“ ފޯރަމްގައި ރޭ ވާހަކަދައްކަމުން ސައީދު ވިދާޅުވީ އާންމު ގޭބީސީއެއްގައި ބޭނުންކުރާނެ އަސާސީ ހުރިހާ މުދަލަކާއި އާންމު ގޮތެއްގައި ގެއެއްގައި ބޭނުންކުރާނެ ހުރިހާ މުދަލެއް ދެނެގަނެ، ބާޒާރުގައި އެ ތަކެތީގެ އަގު ބޮޑުވެއްޖެނަމަ އެކަމާމެދު ކަންކުރާނެ ގޮތުގެ ސިޔާސަތެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެ ސިޔާސަތުގެ ދަށުން ޖުމްލަ 183 އައިޓަމެއް ހިމެނޭނެކަމަށް ސައީދު ވިދާޅުވި އެވެ.
އޭގެތެރެއިން 54 އައިޓަމަކީ، ރަމަޟާން މަހަށް ހާއްސަކޮށް، ކްރިޓިކަލް އައިޓަމްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި މި ހުރިހާ އައިޓަމަކާ ގުޅޭ އަގުތައް މެނޭޖްކުރުމުގައި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައިވާނެކަން ފާހަގަކުރައްވަމުން ސައީދު ވަނީ ރަމަޟާން މަހު ތަކެތީގެ އަގު ބޮޑުވާނަމަ އެކަން ހުއްޓުވަން ސަރުކާރު ތެދުވާނެ ކަމަށް ވިދާޅުވެފަ އެވެ.
”މި ހުރިހާ ތަކެއްޗެއްގައި އަޅުގަނޑުމެން ރަމަޟާން މަހަށް، ޑީލްކުރުމުގައި މިއޮތީ ސިޔާސަތެއް ކަނޑައަޅާފައި. އެއީ މާކެޓުގައި (މި 54 އައިޓަމުގެ ތެރެއިން) އެއްވެސް ބާވަތެއްގެ އަގު އުފުލިގެންދާނަމަ އަޅުގަނޑުމެން އިންޓަވީން ކުރާނަން. އެއީ ޗޮއިސްއެއް ނޫން. އެކަން ކުރާނެ،“ ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ އަތޮޅުތެރޭގައި ވެސް އަދި މާލެ ސަރަހައްދުގައި ވެސް އެއްވެސް ދިމާލަކުން، މުދާ އަގުބޮޑުވެގެންދާން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.