
މިސްކިތްތަކުގެ މަރާމާތަށް 8 މިލިއަން ރުފިޔާ ހޭދަކޮށްފި
މިދިޔަ އަހަރު މިސްކިތްތަކުގެ މަރާމާތަށް 8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”އަހާ“ ފޯރަމްގައި ރޭ ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ މިހާތަނަށް މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތަށް 96 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށާއި އަދި މިސްކިތްތައް މަރާމާތު ކުރުމަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވާ ކަމަށެވެ.
މީގެތެރޭގައި ސަރުކާރުގެ ބަޖެޓުން ކުރި ހޭދަތަކާއި މިސްކިތްތަކުގެ ފަންޑުން ކުރި ހަރަދުތައް ވެސް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މިއަހަރު 41 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށާއި، އެއީ މިހާރު ކުރިއަށްގެންދާ 35 މަޝްރޫއުގެ އިތުރުން މިއަހަރު އަލަށް ފަށާ 6 މަޝްރޫއެއް ކަމަށެވެ. މިނިސްޓްރީގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެ މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް ފުރިހަމަ އަށް އަދާކުރެވޭތޯ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން މިދިޔަ އަހަރަކީ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދެއްކި އަހަރު ކަމަށާއި އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބެމުންދާކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.
އިސްލާމިކް މިނިސްޓްރީން މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އޭގެ މަގުސަދަކީ މިސްކިތްތަކުގެ ހާލަތު މެދުނުކެނޑި އަބަދުވެސް ބަލަމުން ދިއުމާއި މިސްކިތުގެ ބޭނުން ހިފަމުން އަންނަނީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލައި ދިރާސާ ކުރުމެވެ.