ސޫރަތުލް އިންޝިގާގް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފު
(إِذَا السَّمَاءُ انشَقَّتْ ﴿١﴾) އުޑު ބައިބަޔަށް ފަޅިފަޅިވެގެންދާ ހިނދެވެ. ސޫރަތުލް މުރްސަލާތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا السَّمَاءُ فُرِجَتْ ﴿٩﴾ ) މާނައަކީ: ”އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.” ސޫރަތުއްރަޙްމާންގެ 37 އިން 39 އަށް ވަޙީ ކުރައްވާފައިވެއެވެ. (فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ ﴿٣٧﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٨﴾ فَيَوْمَئِذٍ لَّا يُسْأَلُ عَن ذَنبِهِ إِنسٌ وَلَا جَانٌّ ﴿٣٩﴾ ) މާނައަކީ: “ ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ. (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް سوال އެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.) “
އުޑު ބައިބަޔަށް ފަޅިފަޅިވެގެންދާނީ ގިޔާމަތް ދުވަހުގައެވެ.
(وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٢﴾ )
(أَذِنَتْ ) މާނައަކީ: ”އެ އުޑުތަކުގެ ޚާލިގު ﷲ ގެ އަމުރުފުޅުތައް އަހާ ކިޔަމަންގަންފިއެވެ.“ އުޑު ފަޅަފަޅައިގެންދާނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ޞިފަ ކުރައްވާފައިވާ ގޮތަށް ހަތްބަޔަށެވެ. ސޫރަތުއް ނަބައުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا ﴿١٢﴾ ) މާނައަކީ: ”ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ.“
(وَحُقَّتْ ) އެއަމުރުފުޅަށް ކިޔަމަންގަތުން ޙައްގުވެގެންވެއެވެ. ސަބަބަކީ އެކަމަށް އަމުރު ކުރެއްވި ފަރާތަކީ އުޑުތައް ހެއްދެވި ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އުޑުތައް ހެއްދެވި ހިނދުގައިވެސް ﷲ ގެ އަމުރުފުޅަށް އަތަކެތި ކިޔަމަންގަން ފަދައިން ނިމިދިޔުމުގައި ވެސް ކިޔަމަންގަތުން ޙައްގުވެގެން ވެއެވެ. ސޫރަތު ފުއްޞިލަތްގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿١١﴾ ) މާނައަކީ: ”ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ. “
އެހެންކަމުން، އިންސާނުން މިކަމާ ފިކުރުކޮށް ހަދަން ޖެހެއެވެ. އުޑުތައް އުފެއްދެވި ހިނދުގައިވެސް އަދި އެތަކެތީގެ ނިމުން އަންނަ ހިނދުގައިވެސް ﷲ އެތަކެއްޗަށް ކުރައްވާ އަމުރުފުޅުތަކަށް ކިޔަމަންގަނެއެވެ. އެތަކެތި ޚަލްގު ކުރެއްވި އިރުގައި ﷲ އެންގެވިއެވެ. (ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ) މާނައަކީ: “ ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ.”
އުޑުތައް ނިމިގެންދާ ހިނދުގައި އެތަކެއްޗަށް އަމުރު ކުރައްވައެވެ. (إِذَا السَّمَاءُ انشَقَّتْ ﴿١﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٢﴾ ) މާނައަކީ: “ އުޑުފަޅަފަޅައިގެންދާ ހިނދެވެ. އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ.”
އަނެއްކާވެސް ތަކްރާރު ކުރައްވާ ވަޙީ ކުރެއްވިއެވެ. (وَأَذِنَتْ لِرَبِّهَا وَحُقَّتْ ) އެއީ އެތަކެތި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ކަމުގެ ޔަގީންކަން ދެއްވުމަށެވެ.
(وَإِذَا الْأَرْضُ مُدَّتْ ﴿٣﴾ ) “ އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ. “ ދުނިޔެމަތީގައި މިވާ ބިމަކީ މުޅިއަކުން ފެތުރިފައިވާ ބިމެއް ނޫނެވެ. ފުރަތަމަ ކަމަކީ މިއީ ބޯޅަ އެއް ގޮތަށް ވައް އެއްޗެކެވެ. ދެވަނަ ކަމަކީ ބިމުގައި އުސްތަންތަނާއި ތިރިތަންތަން، މަޑު ފަހާއި ހަރުފަސް ހުރެއެވެ. އެހެންކަމުން، މުޅި ބިންގަނޑު އެއްކޮށް އެއީ ހަމަހަމަކޮށް އޮންނަ ތަނަކަށް ނުވެއެވެ. ނަމަވެސް ގިޔާމަތް ދުވަހުގައި މުޅިބިންގަނޑު އެއްކޮށް ފަތުރާލެވިފައިވާ ހަންގަނޑެއް ފަދައިން ފަތުރިގެންދާނެއެވެ.
(وَأَلْقَتْ مَا فِيهَا وَتَخَلَّتْ ﴿٤﴾ ) ބިމުއަޑީގައި ވަޅުލާފައިވާ ހުރިހާ މައްޔިތުންތައް ބިންމައްޗަށް އަރާނެއެވެ. ދުނިޔޭގައި މަންމަގެ ބަނޑުން ނިކުން އިރުގައި ހުރި ގޮތަށް ހުސްގަޔާ، ޚިތާނު ކުރެވުމެއް ނެތި، ފައިވާނަކަށް ނާރާ، އަތުގައި އެއްޗެއް ނެތް ޙާލުގައި ބިމުގެ އަޑިން ތެދުވާނެއެވެ. މިވާހަކަތައް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިޔައި ދެއްވުމާއި އެކު އުއްމުލް މުއިމީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ސުވާލު ކުރެއްވިއެވެ. (الرِّجَالُ وَالنِّسَاءُ يَنْظُرُ بَعْضُهُمْ إِلَى بَعْضٍ ، فَقَالَ : “ الْأَمْرُ أَشَدُّ مِنْ أَنْ يُهِمَّهُمْ ذَاكِ ) މާނައަކީ: ”ފިރިހެނުންނާއި އަންހެނުން އެއްބަޔަކު އަނެއް ބަޔަކަށް ބަލާ ހަދާނެ ނުންތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ. ”އެހެންކަމަކާ އުޅެވޭ ވަރަށް ވުރެ އެދުވަހުގެ ޙާލަތު މާ އުނދަގޫ ވާނެއެވެ.“ ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސު ސަލާމަތް ނުކުރެވިގެން އުޅޭ ދުވަހެވެ. ސޫރަތު ޢަބަސަގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾ ) މާނައަކީ: “ އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ. “
(وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٥﴾ ) އެބިން ހައްދަވާ ގެންގުޅުއްވާ އިލާހުގެ އަމުރުފުޅު އަޑުއަހާ ކިޔަމަންގަންފިއެވެ. އަދި ވައް އެއްޗެއްގެ ގޮތުގައި އޮވެފައި، އަދި އެތަނުގައި އުސްތަންތަނާއި އަޑިތަންތަން ހުރެފައި ފަތުރާލެވިފައިވާ ހަންގަނޑެއްފަދައިން ބިންގަނޑު ހަމަހަމަ އަށް ފެތުރިގެންދާނެއެވެ.
(يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ ﴿٦﴾ )
(كَادِحٌ ) އަކީ ކަމެއްގައި ގަދައަޅާ މަސައްކަތް ކުރާ މީހާއެވެ.
(إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا) އިންސާނާ ކުރާ ހެޔޮޢަމަލާއި ނުބައި ޢަމަލުތަކާއިގެން ދަތުރު ކުރަނީ ﷲ ގެ ޙަޟްރަތަށެވެ. އެހެނީ ކޮންމެވެސް ދުވަހަކުން މަރުވާނެއެވެ. މަރުވުމާއި އެކު ﷲ އާއި ބައްދަލު ކުރަން ޖެހޭނެއެވެ. ސޫރަތުއް ނަޖްމުގެ 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَأَنَّ إِلَىٰ رَبِّكَ الْمُنتَهَىٰ ﴿٤٢﴾ ) މާނައަކީ: “ އަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ. “ ނުބައި ޢަމަލު ކުރާ މީހުންވެސް ދަތުރު ކުރަނީ ﷲ ގެ ޙަޟްރަތަށެވެ. ސޫރަތުލް ޣާޝިޔާގެ 25 އަދި 26 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ إِلَيْنَا إِيَابَهُمْ ﴿٢٥﴾ ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾ ) މާނައަކީ: “ ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ.“
ނަމަވެސް، ﷲ އަށް ކިޔަމަންތެރިވީ މީހާ އާއި ކިޔަމަންތެރި ނުވާ މީހާގެ ތަފާތަކީ ކިޔަމަންތެރިވީ މީހުން އެނބުރިދާނީ ﷲ ގެ ރަޙްމަތާއި ރުއްސެވުމަށެވެ. އަދި ނުކިޔަމަންތެރިވީ މީހުން ދާނީ ﷲ ގެ ކޯފާ އާއި ޢަޛާބާއި ދިމާލަށެވެ.
(فَمُلَاقِيهِ ) ގިޔާމަތްދުވަހުގައި ތިބާގެ ރައްބާއި ބައްދަލުކުރަން ޖެހޭނެއެވެ. ތިބާގެ ޢަމަލުތަކުގެ ޖަޒާ ލިބިގަތުމަށެވެ.
މީސްތަކުން ﷲ އާއި ބައްދަލުކުރާ ހިނދުގައި ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:
ކަނާ އަތުން ފަތް ލިބޭބަޔަކާއި ފުރަގަހުން ވާއަތަށް ފަތް ލިބޭ ބަޔެކެވެ. އެކަމުގެ ތަފްޞީލު ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ.
ނުނިމޭ……..