
ވޯލްޑްކަޕް 2018: ކްރޮއޭޝިއާ އަދި އިންގްލެންޑުގެ ކުރިމަތިލުން
މިހާރު ރަޝިޔާގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި މިރޭ ކްރޮއޭޝިއާ އާއި އިންގްލެންޑް ބައްދަލުކުރާއިރު، މި މެޗަކީވެސް ވަރަށް ފޯރިގަދަ ބަލާހިއްވާ މެޗަކަށް ވެގެންދާނެއެވެ. އިނގިރޭސީން ދިގުމުއްދަތަކަށް ފަހު ސެމީފައިންލްައި ވާދަކުރާއިރު، ކްރޮއޭޝިއާ ވެސް އެންމެ ފަހުން ވޯލްޑް ކަޕްގެ ސެމީ ފައިނަަލެއްގައި ކުޅެފައިވަނީ 1998 ވަނަ އަހަރުގައެވެ.
މި މެޗަށް ނުކުންނައިރު، ސްވިޑަންގެ ޑިފެންޑަރ ސިމޭ ވިރްސަލްޖްކޯ އަށް ވަނީ އަނިޔާވެފަ އެވެ. ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާގެ ގޯލްކީޕަރ ޑެނިޔެލް ސުބަސިޗް އަށް އަނިޔާގެ މައްސަލައެއް ދިމާވި ނަމަވެސް، މިރޭގެ މެޗުގައި އޭނާ ފެންނާނެ ކަމަށް ބެލެވެ އެވެ.
މި މެޗަށް ކްރޮއޭޝިއާ އަދި އިންގްލެންޑް ނިކުންނައިރު މި ދެޓީމުގެ ކޯޗުންވެސް ވަނީ ބަހުގެ ހަމަލާތަކެއް ދީފައެވެ. އެގޮތުން ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ އިންގްލެންޑަށް އެ ޓީމުން އިހުތިރާމް ކުރި ނަމަވެސް، ކްރޮއޭޝިއާ އަށްވުރެ ރަނގަޅު ސްކޮޑެއް އިންގްލެންޑްގައި ނެތް ކަމަށާއި އެހެން ކަމުން މިރޭގެ މެޗުގައި އިންގްލެންޑް ބަލުނުކުރެވެވެންވީ އެއްވެސް ސަބަބެއް ނެއްކަމަށެވެ. އަދި ކްރޮއޭޝިއާ ޖެހިލުންވާވަރުގެ އެއްވެސް ޓީމެއް ނެއްކަމަށްވެސް އޭނާ ބުންޏެވެ.
އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ ކްރޮއޭޝިއާ އާ ދެކޮޅަށް މިރޭ ނިކުންނައިރު މޮޅުކުޅުމެއް ދައްކައިގެން އެޓީމު ބަލިކުރުމަކީ ވެދާނެ ކަމެއްކަމަށާއި ކްރޮއޭޝިއާއަށްވުރެ ހުނަރުވެރި ކުޅުންތެރިން ގިނައީ އިންގްލެންޑުގައި ކަމަށެވެ. އެހެން ކަމުން ކްރޮއޭޝިއާދެކެ ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެއްކަމުގައި ސައުތް ގޭޓް ބުންޏެވެ. ސައުތް ގޭޓަށް މެޗުގެ ކުރިން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ފިޓުކޮށް ތިބުމެވެ. މެޗުގެ ކުރިން އޮތް ފަރިތަކުރުންތަކުގައި ވެސް ސްކޮޑުގެ ހުރިހާ ކުޅުންތެރިން ބައިވެފައިވެއެވެ.
މިއީ ކްރޮއޭޝިއާ އާއި އިންގްލެންޑް ބައްދަލުކުރާ އަށް ވަނަ މެޗެވެ. އެކަމަކު ވޯލްޑް ކަޕްގައި މި ދެ ޓީމު މިހާތަނަށް ބައްދަލުކޮށްފައެއް ނުވެ އެވެ.