
ސާފް ޗެމްޕިއަންޝިޕް 2018: ބޫޓާން ބަލިކޮށް، ބަންގްލަދޭޝްއިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި
މިހާރު ބަނގުލަދޭޝްގެ ޑާކާގައި ފެށިގެން ކުރިޔައްދާ ސާފް ސުޒުކީ ކަޕްގައި މިރޭ ކުޅުނު މެޗުން ބޫޓާން ބަލިކޮށް، މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކާއެކުގައެވެ.
މި މެޗުން މޮޅުވެ، 3 ޕޮއިންޓާއެކު ބަންގްލަދޭޝުން ވަނީ ގްރޫޕް އޭގެ އެއްވަނައަށް ޖެހިލައިފައެވެ. އެ ގްރޫޕްގައި މިއަދު ހަވީރު ކުޅުނު އަނެއް މެޗުގައި ޕާކިސްތާނުން ނޭޕާލް ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ބަނގުލަދޭޝުން މެޗު ފެށީވެސް ވަރުގަދަކޮށެވެ. އެގޮތުން މެޗުގައި ލީޑު ނެގުމަށް ބަންގްލަދޭޝްއަށް މާ ގިނައިރުތަކެއް ނުނަގައެވެ. މެޗުގެ ދެވަނަ މިނެޓުގައި، ބޫޓާން ޑިފެންޑަރެއް، އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނެލްޓީން ބަންގްލަދޭޝް ލީޑު ނެގިއެވެ. މެޗުގެ 3 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމަށް މެޗުގެ ލީޑު ނަގައިދިނީ ޑިފެންޑަރު ޓޮޕޫ ބާމަންއެވެ.
ޕެނެލްޓީއަށް ފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ބްންގަލަދޭޝްއިންނެވެ. އެހެން ނަމަވެސް އެޓީމަށް ލީޑު ފުޅާކުރެވޭ ގޮތެއް ނުވިއެވެ. ބޫޓާނުންވެސް ހާފް ނިމުމުގެ ކުރިން ކުޅުން ރަނގަޅުކޮށް ބަންގްލަދޭޝްގެ ގޯލަށް ނުރައްކާ ކުރިއެވެ. އެގޮތުން އެޓީމުގެ ތަރި، އިންޑިއާގެ ބެންގަލޫރު އެފްސީއަށް ކުޅެމުން އަންނަ ފޯވަޑް ޗެންޗޯ ޔެލްޓްޝެންގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. އޭނާއަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް، އެންމެ އެދެވޭ ގޮތުގައި އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފްގައި އިތުރު ގޯލެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފް ފެށިގެން ދެވަނަ މިނެޓުގައި ބަންގްލަދޭޝްއިން އެޓީމުގެ ދެވަނަ ލގޯލު ޖަހާ މެޗުގެ ލީޑު ފުޅާކުރިއެވެ. މި ގޯލު ބަނގުލަދޭޝަށް ކާމިޔާބު ކޮށްދިނީ މަހެބުބޫރު ރަހްމާން އެވެ.
މި މުބާރާތުގެ ގްރޫޕް ބީގެ މެޗުތަށް ކުޅެން ފާށާނީ މާދަމާއެވެ. މާދަމާ ގްރޫޕް ބީގެ މެޗުތަށް ފަށާ އިރު، މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާއާއި އެންމެފަހުގެ ޗެމްޕިއަން އިންޑިއާއެވެ. ރާއްޖެވެސް ހިމެނެނީ އިންޑިއާއި ލަންކާ ހިމެނޭ ގްރޫޕްގައެވެ. ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގައެވެ.
ގްރޫޕް ބީގައި ބަންގްލަދޭޝްއިން ދެން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ބޫޓާން ކުޅެން ޖެހޭނީ ނޭޕާލާއެވެ.