ސިޔާސީ ފަރާތްތަކުގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރަން ފަށައިފި
ސިޔާސީ ފަރާތްތަކުގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރަން ފަށައިފިއެވެ.
އެކި މައްސަލަތަކާ ގުޅިގެން ބަންދުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަން ކުރުމުގެ މަސައްކަތްތައް، ރިޔާސީ އިންތިޚާބުގައި އިދިކޮޅަށް ލިބުނު ކާމިޔާބީއަށް ފަހު ވަކީލުން ފަށާފައިވާ އިރު، ވަކީލުން ވިދާލުވެފައިވަނީ ކޯޓަށް ހާޒިރުކުރަންޖެހޭ ބޭފުޅުން ގޮވައިގެން މާފުށިން ދަތުރު ފަށާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ބޭފުޅުން ކޯޓަށް ހާޒިރުކޮށް އަޑުއެހުންތައް ފަށަން ގަޑިއެއްހާއިރު ނަގާނެ ކަމަށް ކޯޓުން ބުނާ ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް މިހާރުވަނީ މިނިވަންކޮށްފައެވެ. އޭނާ މިނިވަންކުރީ އަދުލު އިންސާފު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ހުކުމުގެ މުއްދަތު ހަމަވެފައިވާތީއެވެ.
ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންނަ ފަރާތްތަކުގެ ތެރޭގައި ޖަލަށްލާފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހިމެނެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން އަޙްމަދު ނަދީމު އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސިނާންވެސް ހިމެނެއެވެ.
ޖަލަށް ލާފައިވާ ބޭފުޅުންގެ ޢާއިލާ އަދި އެ ބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ މީހުން ކޯޓު ދޮށަށް ޖަމާވަމުންދާ އިރު، އެމީހުން ދުރުކުރުމަށް ފުލުހުން މާބޮޑު މަސައްކަތެއް ނުކުރާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޓްރެފިކަށް ބުރޫ ނާރާނެހެން ތިބުމަށް ފުލުހުން އަންނަނީ އެއްވެތިބި މީހުންނަށް އިރުޝާދު ދެމުންނެވެ.