ދިރާގު ރޯޑު ރޭހުގެ ބިބް ދޫކުރަން ފަށައިފި
މިއަހަރު ބާއްވާ ދިރާގު ރޯޑު ރޭހުގެ ބިބް ދޫކުރަން މިއަދު ފަށައިފިއެވެ.
ދިރާގު ހެޑް އޮފީހުގައި ކުރިއަށްދާ މިހަރަްކާތުގައި ބިބް ދޫކުރުން އޮންނާނީ މިއަދާއި މާދަމާއެވެ. އަދި ބިބް ދޫކުރުމަށް ނިންމާފައިވަނީ މި ދެދުވަހުގެވެސް ހެނދުނު 10:00ން 12:00 އަށާއި 14:00ން 18:00އަށް އަދި ރޭގަނޑު 20:00ން 22:00އަށެވެ.
ދިރާގުން ބުނީ މި އެކްސްޕޯރގައި މިއަހަރުގެ ދުވުމުގައި ބޭނުންކުރާ ޓީޝާރޓު ގަންނަން ލިބެން ހުންނާނެ ކަމަށާއި އަގަކީ 100 ރުފިޔާ ކަމަށެވެ. އަދި ޓީޝާރޓު ގަތުމުން ލިބޭ ފައިސާ ހަދިޔާކުރާނީ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް ކަމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑު ރޭސް މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރ މަހުގެ 2 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ދުވުމުގައި މިއަހަރު 4000 މީހުން ދުވާ އިރު، މިއީ ’ދިރާގު މޯލްޑިވްސް ރޯޑު ރޭސް‘ ބާއްވާތާ 12 ވަނަ އަހަރެވެ.
މިއަހަރުގެ ދުވުމުގައިވެސް 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރގެ ރޭސް ހިމަނާފައިވާ އިރު، އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދޭ މެޑަލްގެ ފަރުމާއަށް މި އަހަރު ވަނީ ބަދަލު ގެނެސްފައެވެ. ކުރިން މި ދެ ގިންތިންވެސް އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދެނީ އެއް މެޑަލްއެކެވެ. ނަމަވެސް މި އަހަރު މި ދެ މެޑަލް އާ ޑިޒައިނަކާއެކު ވަނީ ދެ މެޑަލްގެ ގޮތުގައި ވަކިކޮށްފައެވެ.
ފާއިތުވި ދެ އަހަރުވެސް މި ހަރަކާތުގައި 8 ޖަމިއްޔާއަކުން ބައިވެރިވެފައިވާ އިރު، އެ ދެ އަހަރުގެ ހަރަކާތުން ލިބުނު ދެ މިލިއަން ރުފިޔާ ދިރާގުން ވަނީ އެޖަމިއްޔާތަކަށް ހަދިޔާކޮށްފައެވެ.