ލާރީގެ ދަހިވެތިކަމުގައި ވޯޓް ވިއްކާ ނުލާ !

މިއަހަރުގެ މަޖްލިސް އިންތިޚާބު މިވަނީ ބޯމަތިވެފައެވެ. މަޖްލީހަށް އިންތިޚާބުވުމަށް ތާއީދު ހޯދުމަށް ކެނޑިޑޭޓުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓުންނާއި ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރާ ކެޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓުން ރައްޔިތުންނާއި ހަމަޔަށް މިވަނީ އަންނަން ފަށައިފައެވެ. ތާއީދާއި އެކު ވޯޓު ހޯދުމުގެ މަޤްސަދުގައެވެ. ވިސްނާލާށެވެ. ތިބާގެ ވޯޓު ދޭނީ އެމީހަކަށް އެންމެ މަގުބޫލު،  ކަމަށް އެންމެ ޤާބިލް އެކަށޭނަ ކެޑިޑޭޓަކަށެވެ. އެއީ ތިމާގެ މުސްތަޤްބަލް އުޖާލާކުރުމަށެވެ. ޤަައުމާއި މުސްތަޤްބަލް އާރާސްތު ކޮށް ކުރިއެރުވުމަށެވެ.

އެހެން ކަމުން ވޯޓަކީ ގަނެ ވިއްކާ އެއްޗަކަށް ނަހަދާށެވެ. ވޯޓު ހޯދަން ދިއުމުން ކެންޑިޑޭޓުންގެ ކިބައިން އެދެން ވަނީ ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމަށެވެ. ތިމާގެ ވޯޓުގެ އަގަކީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި ހަމަހަމަ ކަން ކަމުގައި ހަދަންވާނެއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ތިމާގެ ގާތަށް ވޯޓެއް ހޯދަން އަންނަ ކެނޑިޑޭޓެއްގެ ކިބައިން މިފަދަ ކަންކަން ކަށަަވަރު ކުރެވެން ގޮތްތަކެއް ދައްކުވައި ދިނުމަށް އެދޭށެވެ. މިއަދު ކެންޑިޑޭޓުންނަށް ފަސޭހަކަމާއެކު ރައްޔަތުންގެ މިފަދަ ބުނުންތަކަށް އެއްބަސް ވެވިދާނެއެވެ. ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމާއި އެކު ރައްޔިތުންނަށާއި ޤައުމަށް ފައިދާހުރި ކަންކަމަށް ވަސިއްޔަތް ކުރުމަކީ އެންމެ ބޭނުންތެރި ގޮތެވެ.

މެންބަރުގެ ނަޒާހަތްތެރިކަން ޔަގީންކޮށް ދިނުމަށް މާލީ ބަޔާން ހާމަކުރުމާއި ނުހައްގުން ވަޒީފާތައް ވަކި މީހަކަށް ހޯދާދިނުމާއި ނުހައްޤު ބާރުގެ ބޭނުން ކޮށްގެން ނާޖަޔާޒް ފައިދާ ނަގަން މަސައްކަތް ނުކުރާނެ ކަމުގެ އިޢުތިރާފު އެއްބަސްވުމަކަށް އެދެވިދާނެއެވެ.

އެގޮތުން ދާއިރާއަށާއި ރައްޔިތުންގެ ފައިދާއަށް އަދި މުޅި ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ގޮތުން ކުރާ މަސައްކަތްތައް ރައްޔިތުންނާއި ގާތުން ހިއްސާ ކުރެވޭނެ ގޮތެއް ގާއިމުކޮށް ދިނުމަށް އެދެވިދާނެއެވެ.

މަޖުލީހުގެ ކަންކަމުގައި އެންމެ އިސްކުރަން ވާނީ ރައްޔިތުންގެ މަސްލަހަތުކަން ހާމަކޮށް ދިނުމަށް މަޖުލީހުގެ ބަހުސުތަކާއި ވޯޓު ތަކުން އެކަން ހާމަކޮށް ދިނުމަށް އެދެވިދާނެއެވެ. އެގޮތުން ވަކި މީހަކަށް ގާނޫނުތައް ނެހެދުމަށާއި ވަކި މީހަކަށް މަންފާ ހޯދާދިނުމަށް އަދި ވަކި މިހަކަށް ދެރައެއް ގެއްލުމެއް ދޭން ގާނޫނު ހެދުމާއި ދެކޮޅަށް ބަސް ބުނަން ކެރޭކަން ހާމަކޮށް ދިނުމަށް އެދެވިދާނެއެވެ.

ތިމާގެ ވޯޓަކީ އަގުބޮޑު އަމާނާތެއްކަން ދަނެ އޭގެ އަގު ރުފިޔާއިން ކިރާ ނުލާށެވެ. އެއީ 5 އަހަރު ދުވަހުގެ މުއްދަތަށް ތިމާ ދޭ ވޯޓެއް ކަމާއި އެއިގެ އަގު އެހާ ދަށް ނޫންކަން ގަބޫލުކުރާ ށެވެ. ވޯޓު ފައިސާއަށް ވިއްކާލައިގެން ތިމާގެ ގައުމު އިނދަ ޖައްސާނުލާށެވެ. މުސްތަޤުބަލް ހަލާކުގެ ތެރެއަށް ވައްޓާނުލާށެވެ.

ތިމާގެ ބަސް އިއްވަން މަޖުލީހަށް ފޮނުވާ މީހާ ތިމާއަށް ޖަވާބު ދާރީ ނުކުރެވޭ ގޮތަކަށް ދޫކޮށް ނުލާށެވެ. ތިމާގެ މުސްތަގުބަލަށް ބޭނުންވާ އުސޫލުތަކާއި ތިމާގެ މުޖުތަމިއުގެ ހަމަޖެހުމަށް ގާނޫނާއި އުސޫލުތައް ހަދަން ހަވާލުވާ މީހާ ތިމާގެ ވޯޓު ގަނެގެން ގޮސް ހިތުހުރި ގޮތަކަށް މަޖުލީހުގައި ވޯޓު ދޭން ދޫކޮށް ނުލާށެވެ.

ވޯޓު ވިއްކުން އޮންނަނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ. ވަޒީފާއަށާއި ބޭނުންވާ ކަމެއް ކޮށްދޭން އެއް ބަސްވުމުން އާއިލާ މީހުންގެ ވޯޓު ގަނޑުކޮށް ވެސް ވިއްކާކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް މަދެއް ނޫނެވެ. މިއަދު ތިމާ ބޭނުންވާ ކަމަކަށް ވޯޓު ވިއްކައިފިނަމަ މާދަމާ ތިމާ އެދޭ ގޮތަށް ގާނޫނުތައް ހެދިގެން ދަނެކަމަށް އުއްމީދު ނުކުރާށެވެ.

ހަމަ އެގޮތަށް ވަޒީފާއެއް ލިބޭނެކަމަށް ވޯޓު ނުވިއްކާށެވެ. ތިމާއަށް ކާންބޯން ލިބެން އޮތީ އެލިބޭ ވަޒީފާއަކުން އެކަންޏެއް ނުނެވެ. ތިމާގެ ބުރަ މަސައްކަތުން ކާންބޯން ލިބުނަކީ މާބޮޑު އުފަލެއް ކަމުަގއި ދެކޭށެވެ. ދުނިޔެއަށް ނިކުމެ މަސައްކަތް ކުރަން ކެރޭ ކޮންމެ މީހަކަށް ކާންބޯންލިބޭ ވަރަށް އަދި އެއަށް ވުރެވެސް ރަނގަޅު އާމްދަނީ އެއް ލިބޭނެ ކަމީ ދުނިޔެ ދައްކާ ހެކިތަކެވެ. ހަމަ އެބީދައިން ވަޒިފާއަކުން ވަކިކުރިއަސް ތިމަގެ ރިޒުގެއް ބަންދެއް ނުވެއެވެ. ތިމާ ކެރިގެން މަސައްކަތަށް ނިކުތުމުން ހުޅުވޭ ދޮރުތައް ފެންނާނެއެވެ. ބޭނުންވަނީ ގޮތެއްގައި ހުރެ ކެރުންތެރިކަމާއެކު މަސައްކަތް ކޮށް ހަމަ އިސްކޮޅަށް ތިމާ ދެމިލުމެވެ.

ތިމާގެ ވޯޓަކީ އެއަށް ވުރެ މާ ޝަރަފުވެރި ގަދަރުވެރި އެއްޗެއްކަން ގަބޫލުކުރާށެވެ. އެއީ ތިމާގެ އަގެވެ. ތިމާ މުޖުތަމިއުގައި މިންކުރާ އެއް ތަރާދެވެ. ވިސްނާލާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.