ވަގުތީގޮތުން އަޅާ ހޮޅި ދާއިމީ ވަނީ.. އުނދަގޫ ވަނީ ރައްޔިތުންނަށް..

މާލޭގެ މަގުތަކުގެ އެކި ހިސާބުތަކުގައި ފެންހިންދާ ހޮޅި ފެނުމަކީ އައު ކަމެއްނޫނެވެ.

ގިނަދުވަސްތަކެއްވެފައިވާ ހޮޅިތައް ދުވާރުމަތީގައި ހުރުމުން ހިނގާބިނގާވާ މީހުންނަށް އެތަކެއް އުނދަގޫތައްވެސް އަންނަނީ ފޯރަމުންނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މާލެއަކީ ދުއްވާ އުޅަނދުތަކުން ފުނިޖެހިފައިވާ ތަނަކަށްވާ އިރު، ބައެއް މަގުތަކުގައި ޕާކުކުރާނެ ޖާގަތައް ހަދާފައިވަނީވެސް އެހޮޅިތަކުގެމަތިން ހުރަސްކޮށް ގޮސް ޕާކުކުރެވޭ ގޮތަށެވެ. މިހެންވުމުން ބައެއް ހޮޅިތައްވަނީ ހަލާކުވެސްވެފައެވެ.

މިކަން މިހެން އޮތް އިރު، މިހާރުވަނީ ދަރުބާރުގެ ކައިރިން ހުޅުމާލޭ ބްރިޖު ކައިރީ ދުވާރުގައިވެސް ހޮޅީ އަޅާފައެވެ. ކާރޫބާރޫބޮޑު މި ސަރަހައްދަކީ ޢާންމުގޮތެއްގައި ގިނަބަޔަކު ހިނގާ، ދުވެ ހެދުމަށް ބޭނުންކުރާ ސަރަހައްދެކެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސަރަހައްދުގައި އަޅާފައިވާ ފެންހިންދާ ހޮޅިތަކަކީ ވަގުތީގޮތުން އަޅާފައިވާ ހޮޅިތަކެއްކަމަށެވެ. އަދި އެއީ ސްޓެލްކޯއިން ހިންގާ މަޝްރޫޢަކަށް އަޅާ ހޮޅިތަކެއްކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެއީ އެކުންފުނިން ކުރިއަށްގެންދާ “މާލެއާއި ހުޅުމާލެ އިންޓަރކަނެޝަން” މަޝްރޫޢުގެ ސަބްސްޓޭޝަން މާލޭގައި ހެދުމަށްކުރާ ބައެއް ޢުމްރާނީ މަސައްކަތްތަކުގެ ބޭނުމަށް އަޅާ ހޮޅިތަކެއްކަމަށެވެ.

މިގޮތަށް އަޅާ ހޮޅިތަކަކީ ޢިމާރާތްކުރާ ތަންތަނުންނާއި ކޮންނަ ތަންތަނުނުގައި އުފެދޭ ފެން މޫދަށް ބޭރުކުރުމަށް އަޅާ ހޮޅިތަކެކެވެ.

މާލޭ ރިންގ ރޯޑްގެ ބޮޑު ސަރަޙައްދެއްގައި ތާރު އަޅައިގެން ހަދާފައިވާތީ ތާރުގަނޑު ކަނޑައިގެން ހޮޅި އެޅުމުގެ ބަދަލުގައި މިހާރު ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓްތަކުން ފެން ހިންދުމަށް ބޭނުންކުރާ ހޮޅިތައް އަޅަނީ ތާރު މަތިން ހޮޅި އަޅައިގެން، ހޮޅިތަކުގެ މަތިން އުޅަނދުތަކަށް ދުއްވޭގޮތަށް ބޮޑު ބަންޕަރެއް ހަދައިގެންނެވެ.

އެސަރަހައްދުގެ އިތުރުން ވިލާކޮލެޖް ކައިރިއާއި އެފްއެސްއެމް ފިއުލް ސްޓޭޝަން ކައިރީގައިވެސް ހޮޅި އަޅާފައިވާ އިރު، މިގޮތަށް ފެން ހިންދާ ހޮޅި އަޅަނީ ސިޓީ ކައުންސިލުގެ ޚާއްސަ ހުއްދައަކާއެކު ވަކި މުއްދަތަކަށްކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތުން ހޮޅި އަޅާފައި ބެހެއްޓުމުގެ ހުއްދަ ދެނީ 30 ދުވަހަށް ކަމަށާއި ނަމަވެސް ބައެއް ސަރަޙައްދުތަކުގައި ހޮޅިތައް ނުނެގި ގިނަދުވަސްވަނީ ކޮންޓްރެކްޓަރު މަސައްކަތް ނިންމުމުގައި ލަސްވާތީކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލޭގެ މަގުތަކުގައި މިފަދަ ހޮޅިތައް ނުނަގާ ގިނަދުވަސްވަމުންދާތީ، ގިނަބައެއްގެ ފާޑުކިޔުންތައްވެސް އަމާޒުވަމުން ދެއެވެ. ދުވާރުތަކާއި ގޭގެއަށާއި ތަންތަނަށް ވަންނަން އުނދަގޫވާގޮތަށް މަގުތައްމަތީ ހޮޅިތައް އަޅާފައި ހުރުމުން ހުރިހާ އުނދަގުލެއް ކުރިމަތިވަނީ ރައްޔިތުންނަށެވެ.

ތަރައްޤީގެ ނަމުގައި ކަންކަން ކުރާ އިރު، ތަރައްޤީއަކީ ރައްޔިތުންނަށް އެންމެ ހިނދުކޮޅަކަށްވެސް އުނދަގުލެއް ނުވުމެވެ.

ވަގުތީ ދާއިމީ ނުވުމެވެ. ދުރާލާ ވިސްނާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.