މިނިވަން ފިކުރަކީ ހަރުކަށި ފިކުރު

ފިކުރަކީ ހިޔާލު ނުވަތަ ބުއްދި އެވެ. މީހެއްގެ ހިޔާލު ނުވަތަ ބުއްދި މިނިވަން ވެއްޖެނަމަ، އޭނާއާ އެއްހަމައެއްގައި ހުރެވޭނެ އެއްވެސް އެހެން އިންސާނަކު ނުހުންނާނެއެވެ. އެހެނީ އޭނާގެ ހިޔާލާއި ބުއްދި އެހެންއެންމެންގެ ވިސްނުމާ ޚިލާފަށް މިނިވަން ވާނެއެވެ. ނަތީޖާއަކަށްވާނީ އެނާ އެހެންމީހުންނާމެދު ހަރުކަށި ނަޒަރަކުން ދެކުމެވެ. ނުވަތަ އެހެންމީހުން އޭނާއާމެދު ހަރުކަށި ނަޒަރަކުން ދެކުމެވެ. މިހެންވެއްޖެނަމަ މިނިވަން ފިކުރު ހަރުކަށިވީއެވެ.

މިނިވަން ކަމާ ހަރުކަށިކަން މިއީ ޙަޤީޤަތުގައި އިންސާނީ މުޖްތަމަޢު ހަމަމިނުގައި ދެމިއޮތުމަށް ނުހަނު ބޭނުން ދެކަންތަކެވެ. އެހެނަސް މި ދެކަންތައްވެސް އެއްކަމެއް އަނެއްކަމެއްގެ މައްޗަށް ގަދަވެގަނެގެން ނުވާނެއެވެ. މިނިވަންކަމެއްނެތި ހަރުކަށިވެއްޖެނަމަ، އަނިޔާއަކަށްވާފަދައިން ހަރުކަށިކަމެއްނެތި މިނިވަންވެއްޖެނަމަ އަނިޔާވެރިކަން އޭގެޒާތުގައި މާބޮޑުވެގެން ދެއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންނާއި މިރާއްޖެ ހިންގުމާ ޙަވާލުވެލައްވައިގެން ތިއްބެވި ވެރިންނާއި، ޤައުމު ހިންގުމަށް ކަނޑައަޅާފައިހުރި އެކި އެކި ޤާނޫނުތައް މިސާލެއްގެ ގޮތުގައި ބަލައިލަމާތޯއެވެ! ރައްޔިތުންނަކީ ޢާއްމުންނެވެ. ވެރިންނަކީ ޚާއްޞުންނެވެ. އެދެބައިމީހުން އެއްބަސްވެ ޢަމަލުކުރަން އޮތީ ޤާނޫނެވެ. މި ޤާނޫނުގައި ޢާއްމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން އެއީ މަނާކަމެކެވެ. މީހަކު މިނިވަން ފިކުރުގެ ފޭރަމުގައި ނިކުމެ ޢާއްމު ތަނެއްގައި ސިނގިރޭޓު ބޮއިފިނަމަ އޭނާ އާމެދު ޤާނޫނުގައި އަޅަން އޮންނަ ފިޔަވަޅެއް އެޅުމަކީހަރުކަށި ކަމެއް ނޫނެވެ. އަދި ކިޔެއް، އެއީ އިންސާފުކަމުގައި ނޫނީ ނުވާނެއެވެ. އޭނާ ކިތަންމެ ވަރަކަށް އެއީ ތިމަންނާގެ މިނިވަން ކަމޭ، ތިމަންނާގެ މިނިވަން ފިކުރޭ ބުނުމަކުން، އެކަންއެގޮތަށް ބަލައިގަންނާނެ މީހަކު ނުހުންނާނެއެވެ. އަދި އޭނާ ސިނގިރޭޓު ބޯން އުޅެނިކޮށް އެކަން ހުއްޓުވާ މީހާއަކީ ޢާއްމުންގެ މީހަކު ކަމުގައި ވިޔަސް އަދި ޚާއްޞުންގެ މީހަކު ކަމުގައިވިޔަށް އެހިންގަނީކީ ހަރުކަށި ޢަމަލެއް ނޫނެވެ.
ހަމައެގޮތަށް ޤާނޫނުގައި ކުރަން އޮންނަ ކަމެއް ނުކުރުންވެސް އެއީ މިނިވަން ފިކުރެކޭ ކިޔާ ފުއްދާ ނުލެވޭނެއެވެ. މިސާލަކަށް މީރާއަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ފައިސާ ނުދައްކާ ވިޔަފާރި ކުރަމުން، މީ ތިމަންނާގެ ފައިސާއޭ، މި ފައިސާގެ މިނިވަންކަން އޮތީ ތިމާގެ އަތުގައޭ ނުބުނެވޭނެއެވެ. އަދި ތިމާގެ އަމިއްލަ މުދަލުން ޖީ.އެސް.ޓީ ނެގުމަކީ ހަރުކަށި ފިކުރުގެ ބަޔަކު ހިންގާ ހަރުކަށި ޢަމަލެކޭވެސް ނުބުނެވެއެވެ. އެއީ މީރާގެ އޮފިސަރުން ތިބާގެ އަމިއްލަ ފިހާރައަށްވަދެ ތިބާ ކުރަމުންގެންދާ ވިޔަފާރީގެ ހިސާބު ކިތާބު، ތިބާގެ ހާޒިރުގައި ބަލާ ޓެކުހުގެ ގޮތުގައި ބޮޑެތި ޢަދަދުތައް ތިބާގެ މައްޗަށް ތަކުލީފު ކުރަމުން ދިޔަކަމުގައި ވިޔަސްމެއެވެ. އެފައިސާ ނުދައްކައިފިނަމަ، ނުވަތަ ތިބާގެ މިނިވަން ފިކުރު ފުޅާކޮށްލާ، އެފައިސާ ނުދައްކާނަމޭ ބުނެފިނަމަ، ތިބާގެ އެކައުންޓުތައް ފްރީޒް ކޮށްލުންވެސް އެއީ ހަރުކަށި ފިކުރުގެ ޢަމަލެއް ކަމަކަށްވެސް ނުވެއެވެ. އެއީ ކީއްވެގެން ތޯއެވެ؟ އެއީ މިދަންނަވާ މުޖްތަމަޢު ހަމަމިނުގައި ދެމެހެއްޓުމަށް ހިފަހައްޓަންޖެހޭ މިންގަޑުތަކެއް ހިފެހެއްޓުންކަމުގައި އެކަންކަން ވީތީއެވެ. މިފަދަ މިންގަނޑުތައް ފަހަނައަޅާ ދާނަމަ އިޖްތިމާޢީ ހަމަޖެހުން ގެއްލި، ރައްޔިތުންގެ މެދުގައި ނާމާންކަންވެރިވެ، ބިރުވެރި ކަންފެތުރި ދެއެވެ.

އަދިވެސް ހަމަ މިރާއްޖޭގެ ޤާނުނަށް ބަލާލަމާތޯއެވެ. ޤާނޫނު އަސާސީގައި ބުނެފައިވަނީ ދިވެހިންގެ ދީނަކީ އިސްލާމް ދީންކަމުގައެވެ. އިސްލާމްދީނަކީ އޭގެ ޒާތުގައިވެސް ސަލާމާތްތެރި އަމާންދީނެކެވެ. ދީނުގެ ނަމުގައި ހައްދުފަހަނައަޅައިދިއުމަކީ އެމީހަކު އެމީހަކުގެ ފިކުރު ދީނީ ކަންކަމާއިމެދު މިނިވަންވެގެންވާކަމުގައި ދެކުމެވެ. އަދި ހަމައެހެންމެ ދީނީ މިނިވަންކަމަށް ގޮވާލުމާއި، ދީނީގޮތުން މިނިވަން ފިކުރުު ގެންގުޅުމަކީ ދީނުގައި އޮންނަ ގޮތްތަކުގެ މައްޗަށް އޭނާގެ ފިކުރު ހަރުކަށިކުރުމެވެ. މިއީ ދީނާ ޚިލާފުވުމުގެ އިތުރުން މިރާއްޖޭގެ ޤާނޫނު އަސާސީއާވެސް ޚިލާފުވުމެވެ.

އެއްގޮތައްވުރެ ގިނަގޮތްގޮތުން ހައްދުފަހަނަ އަޅާފައިވާ މުޖްތަމައެއް ހައްދެއްގެތެރޭ ޤަރާރުކުމަށްޓައި ބާވާލެވުނު ދީނެއް ކަމުގައި ނޫނީ އިސްލާމްދީން ނުވެއެވެ. މައިދާދަޔާ ކައިވެނިކުރުމާއި އަންހެންދަރިން ދިރިތިއްބާ ވަޅުލުން އެއީ މިނިވަން ފިކުރުކަމުގައި އެބައިމީހުން ދިޔައީ ދެކެމުންނެވެ. ކޮންމެ މީހަކު ބޭނުންވާ ކޮންމެ ކަމަކަށް ކަލާނގެއެއް ހަދާ ހެއްދެވިފަރާތާ ޝިރުކު ކުރަމުން ދިޔައީ އެބައިމީހުންގެ ހަރުކަށި އަދި މިނިވަން ޚިޔާލާތުގެ ރަމްޒެއްކަމުގައި ދައްކަމުންނެވެ. ތެތް ކަދުރު އެއްކޮށް އެއިން އިލާހެއް ހަދައި ހެނދުނު އެއަށް އަޅުކަންކޮށް ހަވީރު އެ ކާލަނީވެސް މިނިވަން ފިކުރު އޭގެ ނިހާޔަތަށްގެންގޮސް ހަރުކަށި ޝިޢާރަކަށް ބަދަލު ކުރަމުންނެވެ. އެދުވަހުގެ ނާމާން އެޢަމަލުތަކުގެ ތެރެއިން އިސްލާމްދީން ގެނެސްދެއްވި އިޖްތިމާޢީ ހަމަޖެހުމާ، އަމަން އަމާންކަމާ، ފަރުދީ ހަމަހަމަކަމާއި، މިނޫންވެސް ހުރިހާ ތަސައްލީއަކީ، މުޅި ބަޝަރިއްޔަތަށް ލިބިގެންދިޔަ މިނިވަންކަމަކާއި ހަމަޖެހުުން ގެނުވި ކަމެއްކަމުގައި ނޫނީ ނުވެއެވެ.

މިފަދަ މާތް، މަތިވެރި ދީނެއްގައި އަންގަވާފައިވާ ގޮތްތަކަށް ޢަމަލުކުރުމަކީ ހަރުކަށި ފިކުރުކަމުގައި ބުނާނަމަ އެއީ ގޯހެކެވެ. އަދި ހަމައެހެންމެ މިއީ އެއްވެސް އަސްލެއް އޮތް ދީނެއް ނޫންކަމަށް ބުނުމާއި އެދީނުގައި އަންގަވާފައިވާ ގޮތް އެއީ ގޯސްގޮތް ކަމުގައި ބުނުން އެއީ މިނިވަން ފިކުރު ކަމުގައިވެސް ނުބުނެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.