ސަފަރު މަހު ސަފަރު ކަތްދަ އަރާނެ، އަލިފާނާ ކުޅެންޏާ ތަންމައްޗަށް ހީސް ލެވޭނެ

ދިވެހިންގެ ތެރޭގައި އެންމެ ކުރިއްސުރެ ޤަބޫލުކޮށްގެން ތިބި އަސްލެއް ނެތް އެތައް ވާހަކަތަކެއް ވެއެވެ. އެއީ މާމަ ކާފަ ޒަމާނުއްސުރެ، އަދި މާމާ ކާފަގެ ވެސް މާމަ ކާފަ ޒަމާނުއްސުރެ ޤަބޫލު ކުރަމުންއައި ކަންތައްތަކެކެވެ. މީގެ ތެރެއިން ބައެއް ކަންތައް ތަކަކީ ކުޑަކުދިން ބަސްނާހައިފި ނަމަ، ނުވަތަ ބުނާގޮތް ނުހަދައިފި ނަމަ، އެކުދިން ބަސްއަހާނެ ގޮތެއް ހެދުމަށް، ތެދުބަހުން ބުނާނަމަ ބިރު ދެއްކުމަށް، ދައްކާފައިވާ ވާހަކަތަކެކެވެ.

ކޮންމެއަކަސް، މިރިޕޯޓުގައި މި ބަލާލަނީ އެންމެ ކުރިއްސުރެ ދިވެހިންގެ ތެރޭގައި ދައްކާފައިވާ އަސްލެއްނެތް ބައެއް ވާހަކަތަކަށެވެ. ލިސްޓު ވަރަށްވެސް ދިގެވެ. ނަމަވެސް ލިޔެލާނަމެވެ.

އިޝްތިހާރު Heyobas Ruqya Course Ad square
  1. ހެދުން ނުބައިފުށުން ލައިފިނަމަ މަންމަ މަރުވާނެއެވެ.
  2. އޮށޯވެ އޮންނައިރު ނިއްކުރީގައި އަތް ބާއްވައިފި ނަމަ ފިކުރުތައް ބޮޑުވާނެއެވެ.
  3. ދެނަމާދު ދޭތެރޭ ޔާސީން ސޫރަތް ނުކިޔަވައިފި ނަމަ ވިގަނި އަރާނެއެވެ.
  4. ތުނބުން ފުމޭ ނަމަ ގެ ފަޅުވާނެއެވެ.
  5. ކޮޅަށްހުރެ ކަންޏާ ހުރިހާ ކާއެއްޗެއް ދާނީ ފައިގެ ބޮޑުއިނގިއްޔަށެވެ. އެއިރުން ފައިގެ ބޮޑު އިނގިލި ބޮޑު ވާނެއެވެ.
  6. އިށީނދެ އިންނައިރު ފައި ތަޅުވަންޏާ އިބިލީސް ފައިގައި އުނދޯލި ހެއްލާނެއެވެ.
  7. ގޭގެ އޮޅިގަނޑު މަތީގައި އިށީނދެ އިންނަނަމަ އޮޅިގަނޑު ފުރޭތަ ކޮއްޕާލާނެއެވެ.
  8. ސަފަރު މަހު ސަފަރު ކަތްދަ އަރާނެއެވެ.
  9. ހުކުރު ދުވަހު ހުކުރު ވަގުތު ފުނޑާ ދައި މައްޗަށް އަރައިފިނަމަ މަންމަ މަރުވާނެއެވެ.
  10. ނަންނުގަތި ބޮނޑެއް ކައިގެން ކޮޅަށް އިންނަނަމަ އޭތި އިންނަ ދިމާލު ތިރީގައި ޚަޒާނާއެއް ހުންނާނެއެވެ.
  11. ނިދާ ބާލީހަށް ފައިން އަރައިފިއްޔާ ބޮލުގައި ރިއްސާނެއެވެ.
  12. މަގުމަތިން ހިނގާފައި ދާއިރު ކުރިމަތިން ކަޅު ބުޅަލެއް ހުރަސް ކޮށްފިނަމަ ކުރިމަތީގައި ކޮންމެވެސް ނުރައްކަލެއް ނުވަތަ ނާމާންކަމެއް ވަނީއެވެ.
  13. ހަނދުކޭތަ ހިފާފަ ހުއްޓާ މާބަނޑު އަންހެނަކު ވަޅި ގެންގުޅެފިނަމަ ލިބޭ ދަރިފުޅު އައިބު ވާނެއެވެ.
  14. ނަގޫ ރޯޅިއެއް އަރާފައި ހުއްޓާ މާބަނޑު އަންހެނަކު އެ ނަގޫރޯޅިއަށް ބެލުމުން އެއެތި ފިލައިދެއެވެ.
  15. 40 ވީމައި މައްޔިތާއަށް ފާތިޙާ ނުކިޔަވައިފި ނަމަ މުޅަދެވި އަދި ކައްޑަދެވި ޖަހާނެއެވެ.
  16. ތެތް ހެދުން ލައިފިނަމަ މަންމަގެ މަރު ކުރުވާނެއެވެ.
  17. ވާރޭ ނުވެހި ގިނަ ދުވަސް ވުމުން ނަންނުގައްޗެއް މޫދަށް ލައިފިއްޔާ ވާރޭ ވެހޭނެއެވެ.
  18. ހުވަނދުމާ ގަހުން ރީނދޫ ފަތެއް ފެނިއްޖެ ނަމަ އެހިސާބުގެ މީހަކު މަރުވާނެއެވެ.
  19. އަލިފާނާ ކުޅެއްޏާ ތަންމައްޗަށް ހީސް ލެވޭނެއެވެ.
  20. ގަހަކުން ވެއްޓޭ ފީ ފަތަކުން ގައިގައި ޖެހިއްޖެނަމަ އައު ހެދުމެއް ލިބޭނެއެވެ.
  21. ފައި ކުރުކޮށްގެން ނިދަންޏާ އިސްކޮޅުން ދިގެއް ނުވާނެއެވެ.
  22. ގެއިން ފައިދިގު މަކުނެއް ފެނިއްޖެ ނަމަ ގެއަށް މެހެމާނެއް އަންނަނީއެވެ.
  23. ވިހެއުމުގެ ރިހުން އައިސްފައިވާ އަންހެނެއްގެ ކައިރީގައި މަރިޔަމް މަލެއް ފެންތައްޓަކަށް ލައިގެން މަރިޔަމް ސޫރަތް ކިޔެވުމުން، އެ މާ ފޮޅިއްޖެއްޔާ އެމީހާ ވިހާނެއެވެ. މާ ނުފޮޅިއްޖެއްޔާ އެމީހާ ނުވިހައި މަރުވާނީއެވެ.
  24. ނުކައި ނިދައިފިއްޔާ ކޮތަޅެއްގެ މަސް ގައިން މަދުވާނެއެވެ.
  25. ހަނދުކޭތަ ހިފާ ރެއެއްގައި ބަސްނާހާ ކުއްޖެއްގެ ގައިގައި މަގޫފަތުން ތެޅީމައި އެކުއްޖާ ބަސްއަހާނެއެވެ.
  26. ރޯ ހަނޑޫ ކަންޏާ ބަނޑުން ފިޔޮއް ގޮވާނެއެވެ.
  27. އަލަށް ބަންނަ ދޯނި އުތީމަށް ބީއްސައިފިއްޔާ ދޯނި ކަނޑަށް ގަދަވާނެއެވެ.
  28. ވެއްޓޭ ދަތެއް މާބަނޑު އަންހެނެއްގެ ގޭ ފުރާޅަށް އެއްލައިފިއްޔާ އޭނާ އަވަހަށް ވިހާނެއެވެ.
  29. ކައިފަ ތަށި ރީތިކޮށް ސާފު ކުރަންޏާ ލިބޭ ދަރިން ރީތިވާނެއެވެ.
  30. އަތުގެ ކުޑަހުޅާއި އުޅަނބޮއްޓާއި ދެމެދު ކަޅުތިލައެއް އިންނަންޏާ ލިބޭ ދަރިން ރީތިވާނެއެވެ.
  31. އަތުގެ ހުދު ހަމުގައި ކަޅުތިލައެއް ހުރެއްޖެނަމަ ގިނައިން ދަތުރު ކުރެވޭނެއެވެ.
  32. ވާހަކައެއް ދައްކާ ވަގުތު ހޯނު ގޮވާލައިފިނަމަ އެ ދެއްކީ ތެދު ވާހަކައެއް ކަމަށް ހޯނުވެސް އެއްބަސްވެ ހެކިބަސް ދިނީއެވެ.
  33. ނަންނުގައްޗެއް ފައިގައި އޮޅާލައިފިނަމަ އެމީހަކަށް ހަތަރެސްފައިގައި އަޅާނެ ރަން ގަހަނާ ލިބޭނެއެވެ.
  34. ހިޔަރަކާތް ވިލޭރޭ ލޯގަނޑުން ބަލާއިރު ގުނަވަނެއް މަދިއްޔާ، ދެން ހިޔަރަކާތް ވިލޭރޭ އަންނަން ވާއިރަށް މަރުވާނެއެވެ.
  35. ތުއްތު ދަރިފުޅު ބޯބާލާފައި ދެން އިސްތަށި ފަޅާއިރު އެކި ތަންތަކުން އިސްތަށި ނުފަޅާ ހުރެއްޖެ ނަމަ އެއީ ކުރަފި ކައިފައެވެ.
  36. ރޭގަނޑު ނިދަން އޮށޯވެ ޝަހާދެއް ކިޔުމަށްފަހު ވާހަކަ ދައްކައިފިނަމަ އަނގަޔަށް ކުރަފި އަރާނެއެވެ.
  37. ކަނޑު ހުރަސްކޮށް މައްޔިތާ ގެނެސްފި ނަމަ ރަށް ފަޅުވާނެއެވެ.
  38. މެންދުރު އަވިދީފައި ހުންނަ ވަގުތު ވާރޭ ވެހިއްޖެ ނަމަ މާލެއިން އިއްޒަތްތެރިއެއް މަރުވީއެވެ (ނުވަތަ ކާފަރަކު މަރުވިއްޔޭ ވެސް ބައެއް ހިސާބުތަކުގައި ކިޔައި އުޅެއެވެ.)
  39. ކައި ނިމިގެން ތަށި ނުދޮންނަންޏާ ގައިން ހިކޭނެއެވެ.
  40. އަންހެއްގެ ކަނާތު ލޯ ތޮޅެއްންޏާ ނުބައި ކަމެއް، އަދި ވައަތު ލޯ ތޮޅެއްޏާ ރަނގަޅު ކަމެއް ވަނީއެވެ. ފިރިހެނުންނަށް މީގެ އިދިކޮޅެވެ.
  41. ކަނާތު ކަންފަތް ހިރުވާނަމަ ކޮންމެވެސް މީހަކު އެމީހަކު ނެތްތަނުގައި އެމީހާގެ ގޯސްވާހަކަ ދައްކަނީއެވެ. ވައަތު ކަންފަތް ހިތުވާނަމަ ރަނގަޅު ވާހަކަ ދައްކަނީއެވެ.
  42. ކާށިފެން ބޮއެފިއްޔާ ބޯހަރުވާނެއެވެ.
  43. ލުނބޯ ކައިފިއްޔާ ހިތް ގައުވާނެއެވެ.
  44. ކަރަންފޫ ކައިފިއްޔާ ލޯ އަނދިރިވާނެއެވެ.
  45. ގެ ކައިރިން މާ ގިނައިން ކާޅު ގޮވަންޏާ ގެއަށް މީހަކު އަންނާނެއެވެ.
  46. ބަންޑުން ފައި މައްޗަށް ހިއްލައިގެއް އޮވެއްޖެނަމަ ގެ ފަޅުވާނެއެވެ.

ކޮންމެއަކަސް، ލިސްޓު ކިތަންމެ ދިގުނަމަވެސް މި ބަޔާން ކޮށްލެވުނީ ބައެއް ކަންތައްތަކެވެ. އަދި މިކަހަލަ އެތައް ވާހަކައެއް ހުރެއެވެ. މިފަދަ ބުނުންތަކަކީ އެއްވެސް އަސްލެއް ނެތް، އަދި ބައެއް ވާހަކަތަކަކީ އަޅުގަނޑުމެންގެ އަޤީދާއާ ވެސް ފުށުއަރާ ކަންތައްތަކެވެ. އެހެންނަމަވެސް ހަމަ ޔަގީނުންވެސް މީގެ ތެރެއިން ބައެއް ވާހަކަތައް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބަޔަކުވެސް ކުޑައިރު އަޅުގަނޑުމެންގެ މައިންބަފައިން ނުވަތަ މާމަ ކާފަ ފަރާތުން އަޑުއަހާފައި ހުންނާނެކަން ހަމަ ޔަޤީނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.