ހަގީގީ ވާހަކަ: އަހަރެން މަސާޖުޕާލާތަކަށް ދާން ފެށުނުގޮތް

އަހަންނަކީ ޢުމުރުން ސާޅީހުން މަތީގެ މީހެކެވެ. އަހަރެން ނިސްބަތްވަނީ މެދުރާއްޖެތެރެއަށެވެ.

ޢުމުރުގެ ވަރަށް ޅަފަތުގައި މައިންބަފައިން ވަކިވެ، އަދި މިހާރު ވަނީ ދުނިޔެވެސް ދޫކޮށްފަ އެވެ. އަހަރެން އުޅެބޮޑުވީ ތިމާގެ ބައެއްގެ ކައިރީގައެވެ. އެހެނަސް ވަރަށް ހާލުގައެވެ. އެވާހަކަ ކިޔައިދޭކަށް މިހާރު ބޭނުމެއް ނޫނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އަހަރެންވެސް ޒުވާން ޢުމުރަށް ނުވަތަ ޓީނޭޖަށް އަޅައިގެން އައި އިރު، ރަށުން ފެންނަ ޒުވާން އަންހެން ކުދިންނަށް ހިތް ކިޔަން ފެށިއެވެ. އެހެންކަމުން ބައެއް ކުދިން ގާތު ރައްޓެހިވާން ވެސް އަހަމެވެ. އޭގެތެރެއިން ގިނަ ކުދިންގެ ފަރާތުން އަހަންނަށް ލިބެނީ “ހިތް ފަޅައިގެންދާ ވަރުގެ” ޖަވާބުތަކެވެ.

އެގޮތުން އަހަންނަކީ ޔަތީމު ވެފައިވާ މީހެކޭ، އަދި ފައިސާއެއް ނެތް ފަގީރެކޭ ބުނުން ފަދަ ބަސްތައް ވަނީ ތަކުރާރުވެފައެވެ. އަދި މީހުން ގިނަ ތަންތަނުގައި އަހަންނަށް މަލާމާތްކުރުން އެއީ އެކުދިންނަށް އިތުރު އުފާ ލިބޭ ކަމަކަށް ވެއެވެ.

އަހަރެން އެންމެފަހުން ނިންމީ، ވަޒީފާއަކަށް ދާށެވެ. އެހެންވެ، ރަށަށް ދިޔަ މީހެއް ގާތު ބުނެގެން ރިސޯޓަކުން ވަޒީފާއެއް ހޯދީމެވެ. ރިސޯޓެއްގައި ވަޒީފާއަދާކޮށް ނެތް ނަމަވެސް، ރޫމްބޯއީ އެސިސްޓެންޓެއްގެ ވަޒީފާ ލިބުމުން އުފާ ކުރީމެވެ. އަދި ފަރުވާތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތުގައި ދެމިހުރީމެވެ.

ގާތްގަޑަކަށް އަށެއްކަ މަސް ވީ އިރު، ރޫމް ބޯއީ އެއްގެ ވަޒީފާ ލިބި، އަތަށް ލިބޭ އެތިކޮޅުވެސް ގިނަވާން ފަށައިފި އެވެ. ހިތްހަމަ ޖެހުމާއެކު ދެމިހުރީމެވެ.

މިހައި ހިސާބުން ލޯބީގެ މަސްތުގައި އަހަރެން ވެސް ޖެހި، އެ ރިސޯޓުގައި އުޅުނު ރާއްޖޭގެ ދެކުނުގެ ރަށަކަށް ނިސްބަތްވާ ކުއްޖަކާ ރައްޓެހިވެ، ހައެއްކަ މަސް ހޭދަކުރުމަށް ފަހު، ކައިވެނި ކޮށްފީމެވެ. އަންހެނުން ވަރަށް ރަނގަޅެވެ. ކޮންމެދުވަހަކީ ވެސް އަހަރުމެންނަށް “މާމުއި ހަނދު” ގެ ދުވަހެކެވެ.

ނަމަވެސް ދުވަސްތައް މަސްތަކަށް ބަދަލުވެ، އަހަރުތަކަށް ބަދަލުވަމުން ގޮސް، އަހަރުމެންގެ ލޯބީގައި ވެސް “ކުނި” ޖެހެން ފަށައިފި އެވެ. ވީގޮތެއް ނޭނގި އަންހެނުން އަހަންނާ ދުރުވާން ފެށިއެވެ. އަހަރެންގެ ބޭނުންތަކަށް ފުރަގަސް ދޭން ފެށިއެވެ. އެންމެފަހުން ދެމީހުން ވަކިވާން ނިންމީ، އެނޫން ގޮތެއް ނެތް ކަމަށް ނިންމައިގެން ނެވެ.

އެދުވަހަށް ފަހު ދެން އަހަރެން ނިންމީ ޒަވާޖީ ހަޔާތެއް ނުފެށުމަށެވެ. އެކަމަކު އަހަރެންގެވެސް ބޭނުންތަކެއް ހުންނާނެދޯ އެވެ؟ އެއީ ވަރަށް ވިސްނާ ފިކުރު ކުރަން ޖެހުނު ކަމެކެވެ. އެކަމަށް ވިސްނަމުންދަނިކޮށް އެ ރިސޯތުގައި އުޅޭ ތެރަޕިސްޓެއް އަހަންނަށް ބުނީ އެފަދަ ކަންކަމަށް އެންމެރަނގަޅުވާނީ މަސާޖު ކަމަށެވެ.

އެހެންވެ، ރިސޯޓުގައި ހުންނަ ސްޕާ އިން މަސާޖު ނަގަން ފެށީމެވެ. ތެދެކެވެ. ފުރަތަމަ ދުވަސްކޮޅު ބޮލަށް ވަރަށް ފަސޭހަވި އެވެ. އެކަމަކު ފަހުން ކަމަކު ނުދިޔަ އެވެ. އެހެންވެ، އަހަރެން ދެން ގަސްދުކުރީ ލިބޭ އޮފް ދުވަހު މާލެ އައިސް މަސާޖުކޮށްލާށެވެ.

މުސާރަ އާއި ސަރވިސް ޗާރޖު އަދި ޓިޕްސްގެ ގޮތުގައި ފުދޭވަރެއްގެ ލާރިކޮޅެއް ލިބޭތީ، މާލެ އަންނަ ކޮންމެ ގަފުތާއަކު ވެސް މަސާޖުކުރަން ދަމެވެ. އެކި ފަހަރު އެކި ތަނަށެވެ. އެހެންވެ، ކޮވިޑުގެ ހާލަތު އައުމުގެ ކުރިން މާލޭގައި ހުރި މަސާޖުކުރާ ހުރިހާ ތަނަކަށް އަހަރެން ދިޔައިމެވެ. ބައެއްފަހަރު އެއްތަނަކަށް އެތައް ފަހަރަކު ދެވިފައި ވެސް ހުންނާނެއެވެ. ޚިދުމަތް ރަނގަޅުވީމަ އެވެ.

މި ލިޔުން ކިޔާ މީހުން ދެން ހިތަށް އަރާނީ އަހަރެންނަކީ ވަރަށް ގޯސް މީހެއް ކަމަށެވެ. ފަހަރުގައި އެހެންވެސް ވެދާނެ އެވެ. އެކަމަކު ބުނަން ހެއްޔެވެ. އަހަރެން މަސާޖުކުރަން ދަނީ ހަމައެކަނި އެކަމަށެވެ. ދެން އެތާ ތިބޭ ކުދިންގެ ހިތްހެޔޮކަމުގެ އަވައިގާ ބައެއްފަހަރު ޖެހެއެވެ.

އެކަމަކު މަސާޖުކުރާ ތަންތަނުގައި ތިބޭކުދިން ބުނާފަދައިން “ބޮޑީ ޓު ބޮޑީ” އެއް ނުހަދަމެވެ.

އަހަރެން މި ވާހަކަތައް މި ކިޔައިދިނީ މާ މޮޅު ވާހަކައަކަށް ވެގެނެއް ނޫނެވެ. އަހަރެން ފަދައިން ދިރިއުޅުމުގައި ކަންކަން ދިމާވެފައިވާ ފަރާތްތަކަށް މަސާޖުޕާލާތަކަށާއި އެފަދަ ކަންކަމަށް އަރައިނުގަތުމަށް އެދޭތީ އެވެ. މިހާރު ޚުދު އަހަރެންވެސް މިކަންކަން ކުރެވުނީތީ ހިތާމަ ކުރަމެވެ.

ދެން އިރާދަކުރެއްވިއްޔާ އެކަހަލަ އެއްވެސް ތާކަށް ނުދާނަމެވެ. ﷲ ހަނދުމަކުރުމުގައި ދެމިހުންނާނަމެވެ.

އެޑިޓަރުގެ ނޯޓު:

މަތީގައި އެވާ ލިޔުމަކީ އެޓޯލްނިއުސްގެ ކިޔުންތެރިއަކު ހިއްސާކޮށްފައިވާ އޭނާގެ ފަލްސަފާ އެވެ. އަދި ގެނެސްދީފައި އެވަނީ އޭނާ ހިއްސާކޮށްފައިވާ ގޮތަށް އުނިއިތުރެއް ގެނައުމާއިނުލަ އެވެ. 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.