އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލައިފި
ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި އެވެ.
އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.
ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާ ފަރާތަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތަކަށް ވުމާއި، އެމްއާރްއެމްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ވެފައިވާ ފަރާތަކަށްވާންޖެހެ އެވެ.
މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އެ ޕާޓީގެ ދަފްތުގައި ހިމެނޭ މެމްބަރުންނަށެވެ.
އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.
ނަމަވެސް އެމައްސަލަ އެމްއާރުއެމް އިން ކޯޓަށްވެސް ހުށަހެޅި އެވެ.
އެމްއާރުއެމް އުވާލަން އީސީ އިން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކުރީ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.