ޕްރައިމަރީގައި ވާދަކޮށްލަން ނުކެރޭ ނަމަ, މަޖިލީހަށް ކުރިމަތި ލުމުގެ ޤާބިލުކަން އެބަހުރިބާ؟

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި، ޑިމޮކްރަސީއޭ ކިޔުނު ނިޒާމު މިހާރު ވަރަށް ފައްކާވެފައިވާ ކަމުގައި، ސިޔާސީ ފަރާތްތަކުން ދެކެއެވެ. މިއަދާއި ހަމައަށް އައި އިރު، މިނިޒާމުގެ އުސޫލުތަކުގެ ތެރެއިން އެތައް އިންތިޚާބެއް ބޭއްވި، އެތައް ބަޔަކު ވަނީ މަޤާމާއި ޖާހުގެ ފޮނިމީރުކަން ދެކެފައެވެ.

ދާދި މިދާކަށް ދުވަހު ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަށްފަހު ވެރިކަން މިވަނީ ބަދަލު ވެފައެވެ. އެ އިންތިޚާބުގެ ކެމްޕެއިނުގެ ކަންކަން ދިޔައީ ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ވަރަށްވެސް ވާދަވެރިކޮށެވެ. ޕާޓީ ރޫޙުގައެވެ. ޑިމޮކްރަސީގެ ހަމަތަކޭ ގޮވަމުންނެވެ. މިފަދަ ރިޔާސީ އިންތިޚާބުތައް ކުރިޔަށް ދާއިރު، ކެނޑިޑޭޓުން ރައްޔިތުންނަށް ވަޢުދުތައް ވާއިރު، ފަރުދާގެ ފުރަގަހުގައި އެތައް ކަމެއް ރޭވި، ވެރިކަން ލިބިއްޖެ ނަމަ ކޭކު ފޮތިކޮށް ބަހާނެ ގޮތުގެ ވަޢުދުތަކެއް ވެވިގެން ދާކަމީ ދިވެހީންގެ އެތައް ބަޔަކު ދަންނަ ބޮޑު ސިއްރެވެ. މިގޮތަށް ބައިކުރާ ކޭކު ފޮތީގެ ބޮޑުމިނާއި ލިބޭ ފޮތީގެ ޢަދަދު ބިނާވެފައި އޮންނަނީ ކެމްޕެއިނުގައި ކޮށްދޭ މަސައްކަތާއި،ޕާޓީއަށް ހޯދައިދޭ ފައިސާގެ މައްޗަށެވެ. ސަރުކާރުގެ މަޤާމުތަކާއި ކުންފުނި ތަކުގެ އިސް މަޤާމުތަކާއި ވަޒީފާތައް މިމަގުން ބަހާލުމަށް މި މަރުޙަލާގައިވެސް އޮންނަނީ ނިންމާފައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ފަރުދާގެ ފުރަގަހުން ހިނގާ ޑިމޮކްރަސީގައި، ބޮޑު ބާރަކާއި ކޮންޓްރޯލެއް ނަގާފައި އޮންނަނީ، ކެމްޕެއިންތަކުގައި ‘ޒުވާނުން’ ގެ ގޮތުގައި ދައްކާ ގޭންގްތަކާއި ޑްރަގް ލޯޑުން ކަމުގައި ގިނަ ބަޔަކު ބުނާތީ އިވެއެވެ. މިވާހަކައިގައި ޙަޤީޤަތެއް އޮންނަކަން އެނގެނީ އިންތިޚާބަށްފަހު އެކުލަވާލެވޭ ސަރުކާރުގެ މަޤާމު ތަކަށް، މިބުނެވުނު ކަންކަމުގައި ނަން މަޝްހޫރުވެފައިވާ މީހުން ޢައްޔަނުވެގެން އަންނަތަން ފެނުމުންނެވެ. އެވަރެއް ނެތްކަމަށް ދައްކަމުންދާ ޑިމޮކްރަސީގެ ފަރުދާގެ ފުރަގަހުގައި މިފަދަ އެތައް ކަމެއް ހުރި އިރު، ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ރިޔާސީ އިންތިޚާބަށްފަހު ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވެރިކަމުގެ ޕާޓީ ނުވަތަ ކޯލިޝަންގެ ޓިކެޓު ތަކުގައި ނެރޭނެ މީހުންވެސް މިމަރުޙަލާގައި ފަރުދާގެ ފުރަގަހުން ކަނޑައެޅިގެން ދިއުމެވެ. މިކަމިގައިވެސް ގޭންގް ތަކާއި ޑްރަގް ލޯޑުންގެ ހިއްސާ ބޮޑުކަމުގައި ވެއެވެ. އެބައިމީހުންގެ މުހުތާދުތައް ފުއްދުމަށް ބޭނުންވާ އާރާއި ބާރު އޮތުމަށްޓަކައި އެފަރާތްތަކުން ހުށަހަޅާ ނަންތަކަށް ޕާޓީ ނުވަތަ ކޯލިޝަން ޓިކެޓު ދޭނެ ކަމުގެ ޔަޤީންކަމާއި އެއްބަސްވުން މިމަރުޙަލާގައި ޤާއިމްކުރެވިގެން ދާކަމުގައި ބުނެވެއެވެ.

ކޮންމެއަކަސް މިމަރުޙަލާއަށްފަހު ވެރިކަން ފެށުމުން އެއްކަލަ ވަޢުދުތައް ފުއްދާން އެބަ މަޖުބޫރު ވެއެވެ. ޕާޓީތަކުގެ ޤަވާޢިދުތަކުގައި އޮންނަ ގޮތުގެމަތީން ދާއިރާތަކަށް ކުރިމަތިލާން ބޭނުން މީހުނަށް ފުރުސަތު ހުޅުވާލައެވެ. ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް، ޓިކެޓު ދޭނެ މީހަކު ހޯދުމަށެވެ. އަދި އެކަކަށް ވުރެ ގިނަ މީހުން ދާއިރާއަށް ކުރިމަތި ލައިފި ނަމަ، ޕާޓީގެ އެތެރޭގައި ‘ޕްރައިމަރީ’ގެ ނަމުގައި އިންތިޚާބެއް ބާއްވައިގެން މީހަކު ޢައްޔަން ކުރެއެވެ.

އެއްކަލަ ޑިމޮކްރަސީގެ މުނާފިގުކަން މިމަރުޙަލާގައި އަދި ވަރަށް ބޮޑު ކަމުގައި ވެއެވެ. ރައްޔިތުންނަށް މީގެ އޮފުކަމާއި މާތްކަމާއި ފުރިހަމަކަން ދައްކަން ވާނެތާއެވެ. އެއްކަލަ ‘ޑީލް’ތަކަކީ ރައްޔިތުންނަށް އެނގޭނެ ކަންކަމެއް ނޫންވިއްޔާއެވެ. ވަޢުދުވީ ޓިކެޓުތައް ދިނުމަށްޓަކައި އެކި ކަހަލަ އުކުޅުތަކާއި މަކަރުތައް ބޭނުން ކުރެއެވެ. އެކި އޮޅުވާލުމާއި ކޮރަޕްޝަން މިކަމުގެ ތެރޭގައިވެސް ހިނގާކަމުގައި ބުނެ އުޅެނީ ޚުދު މިއިންތިޚާބުތަކުގެ ކަންކަމުގައި އުޅޭ ފަރާތްތަކުންނެވެ.

މިކަން ހިނގާ ގޮތް ކުޑަކޮށް ތިލަކޮށްލާ ނަމަވެސް ވާހަކަތައް ކޮޅުން ނުލާހާ ގިނައެވެ. ބައެެއްފަހަރު ޕާޓީގެ މަތީ ފަންތީން ދާއިރާއަށް މިވެނި މީހަކު ހަމަޖައްސާފައި ވާތީ އިތުރު މީހަކު ކުރިމަތި ނުލާން ސިއްރު އެންގުންތައް އަންގައެވެ. އަނެއްބައި ފަހަރު، ބޭނުންވާ މީހުން ހޮވަން ފަސޭހަވާނެ ފަދަ، ވަކި ބަޔަކަށް ފިޓުވާ ފަދަ ޝަރުތުތައް އުފަންކުރެއެވެ. ކަނޑައެޅުނު މީހާ ފިޔަވައި ދެން ކުރިމަތިލީ އެންމެން ކޮންމެވެސް ޝަރުޠަކުން އޮންނާނީ ފެއިލްވެފައެވެ. މިވަރުން ނުވެއްޖެ ނަމަ ދެން އަންނާނީ ‘ބޮޑު މީހާ’ ވިދާޅުވެގެން އަންނަ ކޮންމެވެސް މަތީ ފަރާތެއްގެ ކޯލެއް ނުވަތަ ބައްދަލު ކޮށްލުންތަކެކެވެ. ނަން އަނބުރާ ނެގުވުމަށެވެ. މިކަން އަންނަނީ ބޮޑަތި ހުށަހެޅުންތަކާއި އެކުއެވެ. ބަދަލުގައި ރަނގަޅު މަޤާމެއް ނުވަތަ ވަޒީފާއެއް، ނުވަތަ ބޭނުންވާ އެހެން ކަމެއް ފުއްދައިދޭ ގޮތަށެވެ. އެމީހަކީ ވެސް ޕާޓީގައި ނުފޫޒެއް އޮތް މީހެެއް ނަމަ މިހިސާބަށް ދެއެވެ. ނޫން ނަމަ ފަސޭހަ ކަމާއި އެކު ފުރަތަމަ ޑީލްގައި ހުރި މީހާއަށް ރަން ތަބަކުގައި ޓިކެޓު އަރުވައެވެ.

ބުނެވި ދިޔަ މަރުޙަލާއިންވެސް ނަން ނެގުވޭ ގޮތް ނުވެއްޖެ ނަމަ، ދެން އެޖެހުނީ ކަންތަކާއެވެ. އެއްކަލަ ‘ޒުވާނުން’ ކޮޅު ސީދާ ޙަރަކާތައް ނުކުންނާނެއެވެ. ދެން އަންނާނީ ބިރުތަކާއި އިންޒާރު ތަކެވެ. ‘މަގުމަތީ’ ތޫނު ފިރުމުންތަކެވެ. އަނެކާއީ މަގު ހިނގާލެވޭ ވަރު މީހެއް ނޫންނަމަ ވަރަށް ފަސޭހައިން ފަހަތަށް ޖެހިލާނެތާއެވެ. ނޫން ނަމަ ދެން އޮންނާނީ ދެކޮޅުންވެސް ލޭގެ ހަނގުރާމަ ފިޔަވާ ކޮން ކަމެއް ހެއްޔެވެ؟ މިވަރުންވެސް ތަބަކުގައި ޓިކެޓު ލިބެނިކޮށް އެވީއެވެ. މިމަރުޙަލާގައި ޕާޓީގެ އިސްވެރިންނަށް، ފަރުދާ ފުރަގަހުން ހެދި ޑީލް ހަނދާންކޮށްދީ، ސެނެޓާއި އިސްވެރިން ކައިރީ ބޮޑާ ހޭކުންތައްވެސް ކުރިއަށް ދާކަމުގައި ވެއެވެ. އައުންސުން މިނާ ބުއްފުޅީގައި ގިރާ ޓިކެޓު އަނގަޔަށް ލުން އެހާވެސް މުހިއްމު ވިއްޔާއެވެ. ޕްރައިމަރީގައި ރީތިކޮށް ވާދަކޮށްލަން ނުކެރުމުން ‘ފަރުދާގެ ފުރަގަހުން’ ޑީލް ހަދައިގެން ކުރިމަތިލާ ގިނަ މީހުންގެ ޙާލަތަކީ މިއެވެ. ނަމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން ޕްރައިމަރީ އަކުން މަޖިލީހަށް ކުރިމަތިލާނެ މީހަކު ހޯދަނީއެވެ.

ޙަޤީގަތަކީ މިއީކަމުގައި ވާނަމަ ޑިމޮކްރަސީގެ މުޑުދާރުކަމާއެވެ! ދެފުށް ދެގޮތް މުނާފިޤު ނިޒާމެއްތާއެވެ! ރައްޔިތުންނަށް ދަޅަދައްކައި އޮފު އަރުވާލާފައިވާ ނަޖިސް ގަނޑެއްތާއެވެ!
ރީތިކޮށް ޕްރައިމަރީގައި ވާދަކޮށްލަން ނުކެރޭ ވަރު މީހަކަށް، ރައްޔިތުންނަށް ޚިދުމަތް ކޮށްދީ، ޤާނޫނު ހެދުމާއި އިސްލާހުކުރުމުގެ ޒިންމާ ނަގާނެ ޤާބިލުކަން އެބަހުރިބާއެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ޕްރައިމަރީ އަކީ އަލިފާން ފަރުބަދައެއް ޕާޓީ ތެރޭގައި ގޮއްވާލުން! ހުތުރު އެއްޗެހި ކިޔައި އެތެރޭގެ އެކުވެރިކަން ގެއްލެނީ! ވާހަކަ ދައްކައިގެން 1 ކެންޑިޑޭޓް ނެރުން މާ އައުލާކަން ބޮޑު!

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.