
މަޖިލީހުގެ ކޮންޓްރޯލް މިހާރު އޮތީ މުލިއާގެ ތެރޭގައި – ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް މިހާރު އޮތީ މުލިއާގެ ތެރޭގައި ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރުގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އިންނެވީ އެންމެ މެމްބަރެއް ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މަޖިލީހުގައި ދެން ތިބީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް، ވިދާޅުވި ވޯޓެއްލާން ތިބޭ ބައެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
”ގާނޫނު އަސާސީ އަށް އެންމެ ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި، މިހާރު މި ކޮންޓްރޯލް މިއޮތީ ސީދާ މުލިއާގެ ތެރޭގައި،“ ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން ނިކަމެތިކޮށް، ބިކަކޮށް އަދި ރައްޔިތުންގެ އަތުން ބާރުތައް ނިގުޅައިގަނެވޭނީ މިހާވަރަށް ކަމަށެވެ. އެމްޑީޕީ އަކީ މީގެކުރިން ވެސް ހުދުމުހުތާރު ވެރިކަންތައް ބަދަލުކުރި ޕާޓީއެއް ކަމަށާއި މި ސަރުކާރު ވެސް ބަލިކޮށްލާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ކުއްލި ގޮތަކަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ.
މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.
ގާނޫނު އަސާސީ އަށް ކުއްލިގޮތަކަށް ގެނައި އިސްލާހުތަކާއި ދެކޮޅަށް އެމްޑީޕީން މާލޭގައި ވަނީ ބޮޑު އެއްވުމެއް ވެސް ބާއްވާފަ އެވެ.