ޑރ.ވަޙީދު ޕީޕީއެމުން އިސްތިއުފާދެއްވައިފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު، އެޕާޓިން އިސްތިއުފާދެއްވައިފިއެވެ.
ޕީޕީއެމުން އިސްތިއުފާދެއްވިކަން ޑރ.ވަޙީދު ހާމަކުރެއްވީ ޓްވިޓާގައި އިނގިރޭސިބަހުން ދެންމެ ޢާންމުކުރެއްވި ބަޔާނެއްގައެވެ.
މީގެ ދިހަ އަހަރުގެ ކުރިން ޕީޕީއެމްއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަން ފާހަގަ ކުރައްވައި ޑރ ވަހީދު ވިދާޅުވީ އޭގެ ތެރެއިން ގިނަ ކަންކަން ޕްލޭނާ އެއްގޮތަށް ހާސިލުވި އިރު، ރާއްޖޭގެ އިގުތިސާދާއި ޑިމޮކްރަސީ ހަރަދަނާކޮށް ރައްޔިތުންގެ ފާގަތިކަން އިތުރު ކުރަން އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށެވެ.
ހުރިހާ ދިވެހިންނަށް ކާމިޔާބީ ހޯދައިދިނުމަށް، އެމަނިކުފާނުގެ ހުނަރާއި ތަޖުރިބާއާއި އިލްމު ބޭނުންކުރެވޭނެ ހަމަޖެހޭ، ނަޒާހަތްތެރި އަދި ތެދުވެރި ޖާގައެއް މި ވަގުތަށް މުހިންމުކަމަށް، ގަބޫލުފުޅުކުރެއްވޭ ކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދު ހާމަކުރެއްވި ގޮތުގައި އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ދިވެހިންގެ ކުރިއެރުމާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަދި އިޖުތިމާއީ އިގުތިސާދީ ކުރިއެރުމަށެވެ.
ރައީސް ވަހީދު ޕީޕީއެމުން މި ވަކިވެވަޑައިގެންނެވީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ފުރުސަތު ލިބިވަޑައިނުގަންނަވާ ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނިކޮށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކަންތައްތަކުގެ ތެރެއިން ޑރ ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރެއްވުމަށްވެސް ހުށަހެޅުނެވެ.